Ads by Farudhun

ޚަބަރު

ތައިލެންޑަށް ދަތުރުކުރާއިރު، އެރައިވަލް ކާޑު ފުރުމަށް އިލްތިމާސެއް

ތައިލެންޑަށް ދަތުރުކުރާއިރު، އެރައިވަލް ކާޑު ފުރުމަށް އިލްތިމާސެއް

މޯލްޑިވިއަންގެ ފްލައިޓެއް. ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 04:03

11 ޖުލައި 2026، 04:03

ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސް ނެރެފައިވަނީ ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު، މޭމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރާ ކޮންމެ މީހަކުވެސް އޮންލައިންކޮށް އެރައިވަލް ކާޑެއް ފުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މޯލްޑިވިއަނުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ވައިގެ މަގުން ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ 3 ދުވަސް ކުރިން 'ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު' ފޯޓަލް މެދުވެރިކޮށް ދަތުރުގެ ތަފުސީލު ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ދަތުރުވެރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފޮމޭޝަންގެ ޑިޖިޓަލް ކޮޕީއެއް، ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް އެ އެއާލައިނުން ވަނީ އެދިފައެވެ. މިއީ ދަތުރުވެރިންނަށް ލުއިފަސޭހަކަމާއެކު އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ސްކޫލް ބަންދާއި ޗުއްޓީއާ ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއްގެ ދަށުން ޓިކެޓުތައް ވިއްކުމަށް މިފަހަރުވެސް ވަނީ ހުޅުވާލާފައެވެ. މި ފެއަރގެ ދަށުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 12 އިން އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ކޮންމެ އާދިއްތަ ދުވަހަކު ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން އަންނަނީ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ޚާއްސަ ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ ޖަނަވަރީ މަހުވެސް އެ އެއާލައިނުން ވަނީ މެލޭޝިއާގެ ކުއަލަލަމްޕޫރަށާއި ތައިލެންޑުގެ ބެންކޮކަށް ޚާއްސަ ދަތުރުތަކެއް ކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450