Ads by Farudhun

ޚަބަރު

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ ހަ ކުއްޖަކު ފުރަނީ

ޒަކާތު ހައުސް އާއި ޞިއްޙީ ވުޒާރާގެ ބައްދަލުވުން. ފޮޓޯ: ޒަކާތު ހައުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖުލައި 2026، 06:29

11 ޖުލައި 2026، 06:29

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު މި ފަރުވާ ހޯދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

 މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، މި ބުރުގެ ތެރެއިން އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ފުރަތަމަ ގްރޫޕް ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ގީލާ ޢަލީ އާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ ސީ.އީ.އޯ އަލްފާޟިލް އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކުދިންގެ އާއިލާތަކާ ބައްދަލުކޮށް، ފަރުވާއާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ވަނީ ޖަމާކޮށްފައެވެ. މި އެހީ ފޯރުކޮށްދީފައިވަނީ 21 ފެބްރުއަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ޒަކާތު ފަންޑުން ދަނީ މި ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ ތެލެސީމިއާ ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއެވެ. "މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެވެއެވެ،" މި ފަރުވާއާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ. މި ފަރުވާގައި ބަލިމީހާގެ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ބޭނުންކޮށްގެން ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޖުމުލަ 10 ކުއްޖަކު ވަނީ އެޗް.އެލް.އޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފައެވެ. ފުރަތަމަ ބުރުގައި ފުރާ ހަ ކުދިންގެ އިތުރުން، ބާކީ ތިބި ހަތަރު ކުދިން އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުންނެވެ.

2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެހީވުމަށް ޒަކާތު ފަންޑުން މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ސީދާ ގޮތުން ޚަރަދުކޮށްފައެވެ. މިއީ ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތްކޮށްދީ، އެކުދިންނަށް އާދައިގެ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450