ޚަބަރު
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 85 އިންސައްތަ މެމްބަރުން ވޯޓުލައިފި
ޕީއެންސީގެ އިސް ބައެއް ބޭފުޅުން. ފޮޓޯ: ޕީއެންސީބ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމައިލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިއަދު ރާއްޖޭގެ 119 ރަށެއްގައި އިންތިޚާބު ބޭއްވުނު ކަމަށެވެ. މި އިންތިޚާބުގައި އެކި މަޤާމުތަކަށް ވާދަކުރުމަށް 2،400 އެއްހައި ބޭފުޅުން ކުރިމަތިލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި އިންތިޚާބު އޮތް ދާއިރާތަކުގައި ޖުމްލަ 40،000 އެއްހައި މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. "އަޅުގަނޑުމެން ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް އައިއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބޭފުޅުންގެ 85 އިންސައްތަ ބޭފުޅުން ގާތްްގަނޑަކަށް މިވަނީ ވޯޓުލާފައި. އެއީ ގާތްގަނޑަކަށް 33،000 އާއި 32،000 އާ ދެމެދުގެ އަދަދަކަށް،" ޗެއާޕާސަން ވިދާޅުވިއެވެ.
މިހާ ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލާން ނުކުތުމަކީ ޕާޓީއަށާއި، ސަރުކާރަށާއި، ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ބޮޑު އިތުބާރެއްގެ ރަމްޒެއް ކަމަށް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި މިއީ އެތެރޭގެ އިންތިޚާބެއްގައި މިހާ ގިނަ ކެންޑިޑޭޓުން ވާދަކޮށް، މިފަދަ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗެއާޕާސަން ވިދާޅުވީ، ކެންޑިޑޭޓުންނާއި މަންދޫބުން ޕާޓީގެ މަސްލަހަތު ނަގަހައްޓައި، ވަރަށް ސުލްހަވެރިކަމާއެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ޕާޓީތަކުގެ އިންތިޚާބުތަކުން ފެންނަ ފަދަ ނޭދެވޭ އެއްވެސް ކަމެއް ނުފެނި އިންތިޚާބު ނިންމައިލެވުމަކީ ޕީއެންސީއަކީ ތަފާތު ޕާޓީއެއްކަން ހާމަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.