ޚަބަރު
އާބާދީގެ ދެމެހެއްޓެނިކަމަށް ސްމާޓް ކެއަރ ޕޮލިސީތަކެއް އެކުލަވާލަނީ
ޢީދު ދުވަހެއްގެ ހެނދުނު މާލޭގެ މަގުމަތިން.
އާބާދީގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމަށްޓަކައި ސްމާޓް ކެއަރ ޕޮލިސީތަކެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް ހެލްތާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) ގުޅިގެން މަސައްކަތް ފަށައިފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސިޔާސަތުތަކަކީ ހަމައެކަނި އިޖުތިމާޢީ ޚިދުމަތްތަކެއް ނޫން ކަމަށާއި، މިއީ މިންތީގެ ހަމަހަމަކަމާއި އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.
ރާއްޖޭގެ އާބާދީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި އެ ވުޒާރާއިން ވިދާޅުވީ، 1990 ވަނަ އަހަރު އާބާދީގެ މެދު އުމުރު 16 އަހަރުގައި ހުރި ނަމަވެސް، މިއަދު އެ އަދަދު 33 އަހަރަށް މަތިވެފައިވާ ކަމަށެވެ. އަދި 2040 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު ރާއްޖެއަކީ "އުމުރުން ދުވަސްވީ އާބާދީއަކަށް" ވާނެ ކަމަށް ލަފާކުރެވޭއިރު، 2045 އަންނައިރު ދުވަސްވީ މީހުންގެ އަދަދު ތިންގުނަ އިތުރުވާނެއެވެ. މިއީ ސިޔާސަތުތައް ކަނޑައެޅުމުގައި ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ދުނިޔޭގެ އާބާދީގެ ހާލަތާ ބެހޭ 2025 ވަނަ އަހަރުގެ ރިޕޯޓް "ދަ ރިއަލް ފާޓިލިޓީ ކްރައިސިސް" އަށް ރިއާޔަތްކޮށް ވުޒާރާއިން ވިދާޅުވީ، ދެމަފިރިން ބޭނުންވާ ދަރިންގެ އަދަދާއި ލިބޭ އަދަދާ ދެމެދު ފަރަގެއް ހުރުމަކީ އިޖުތިމާޢީ-އިޤްތިޞާދީ އޮނިގަނޑު ވަރުގަދަކުރަން ޖެހޭ ކަމުގެ ހެއްކެއް ކަމަށެވެ. ޒުވާނުންނަށް ކުރިމަތިވާ އިޤްތިޞާދީ ހަމަޖެހުން ކުޑަވުމާއި، ވަޒީފާގެ މާޙައުލުގައި ހުރި ގޮންޖެހުންތަކަކީ އާއިލާ ރޭވުމަށް އޮތް ބޮޑު ހުރަހެކެވެ. ރާއްޖޭގެ ޒުވާނުންގެ 19 އިންސައްތައަކީ ކިޔަވަމުން ނުދާ، ވަޒީފާއެއް ނެތް އަދި ތަމްރީނެއް ހޯދަމުން ނުދާ ޒުވާނުންކަންވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ސްމާޓް ކެއަރ ޕޮލިސީގެ މަޤްޞަދު
މި މައްސަލަތަކަށް އޮތް ހައްލަކީ އަޅާލުމާއި ބެލެހެއްޓުމުގެ ޒިންމާއަކީ މުޅި މުޖުތަމަޢު ބައިވެރިވާ އިޖުތިމާޢީ އިސްކަމެއްގެ ގޮތުގައި ދެކި "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލުން ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ރަށްރަށުގެ ފެންވަރުގައި ކުދިން ބެލެހެއްޓުމާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ނިޒާމުތައް ލާމަރުކަޒީކޮށް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން އަންހެނުންނަށް ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެ، ޒުވާނުންނަށް އެމީހުންގެ މުސްތަޤުބަލު ރޭވުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ.
މީގެ އިތުރުން، ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި ޒިންމާތައް ހިއްސާކުރެވޭނެ އޮނިގަނޑުތައް ނިޒާމުގެ ތެރެއަށް ފެއްތުމަކީ މުޖުތަމައުގެ ދިގުމުއްދަތުގެ ކުރިއެރުމަށް މުހިންމު ކަމެކެވެ. އުމުރުން ދުވަސްވީ އާބާދީ ބެލެހެއްޓުމާއި މޫސުމީ ބަދަލުތަކުން ޤައުމު ދިފާޢުކުރުމުގެ ޒިންމާ އުފުލާނީ މިއަދުގެ ޒުވާނުން ކަމަށްވާތީ، އެމީހުންގެ ފަންނީ ހުނަރާއި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޒުވާނުންނަށް ކުރާ އިންވެސްޓްމަންޓަކީ މާދަމާގެ އާބާދީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރެވޭނެ ހަމައެކަނި މަގުކަން ފާހަގަކުރައްވައި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ޔޫއެންއެފްޕީއޭއާއެކު ގުޅިގެން ރާއްޖޭގެ ރަށްތަކާއި މާލެ ސަރަޙައްދަށް އެކަށީގެންވާ ހަރުދަނާ މޮޑެލްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.