ޚަބަރު
ތާރީޚީ ކަމެއް، ދިވެހިން ފުރަތަމަ ފަހަރަށް އައްޑޫއިން ޖިއްދާއަށް
މޯލްޑިވިއަންގެ ފްލައިޓެއް އައްޑޫއިން ޖިއްދާއަށް ފުރުން. ފޮޓޯ: މޯލްޑިވިއަން
ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފަށައިފިއެވެ.
މިއީ ރާއްޖެއިން އުމްރާ އަދި ހައްޖަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށުނު މުހިންމު ޚިދުމަތެކެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަންގެ އޭ330 ވައިޑް-ބޮޑީ މަތިންދާބޯޓުގައި ފެށި މި ތާރީޚީ ދަތުރަކީ، އައްޑޫ ސިޓީ އާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. މި ދަތުރަކީ އުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ ދަތުރެކެވެ. ފުރަތަމަ ފްލައިޓްގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 މީހުން ވަނީ އުމްރާގެ މަތިވެރި އަޅުކަމަށް ފުރާފައެވެ.
މޯލްޑިވިއަންއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ކަމެއް ކަމަށާއި، ދެކުނު އަތޮޅުތަކުން ސީދާ އުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖެހުމަކީ ސަރަހައްދީ ގޮތުން ރައްޔިތުންނަށް ލިބުނު ބޮޑު ލުއިފަސޭހައެއް ކަމަށެވެ. "މިއީ ފެށުމެއް، ކުރިއަށް އޮތްތަނުގައި މި ފަދަ އިތުރު ދަތުރުތައް ބޭއްވިގެން ދާނެ،" މޯލްޑިވިއަންއިން ބުނެފައިވެއެވެ. މި ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ޚާއްޞަ ހަދިޔާއެއްވެސް ދީފައެވެ.
ދެކުނުގެ ކަނެކްޓިވިޓީއަށް ލިބުނު ކުރިއެރުމެއް
މި ދަތުރާއެކު ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ގާއިމުކޮށްފައިވާ ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ބޭނުންތެރިކަން ވަނީ އިތުރުވެފައެވެ. އައްޑޫއާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގެ އެކި ރަށްތަކުގެ މެދުގައި ޝެޑިއުލް ދަތުރުތައް ބާއްވަމުންދާތީ، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް މާލެ ނުގޮސް ސީދާ އައްޑޫއިން ފުރައިގެން ސައުދީއަށް ދިއުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.
މޯލްޑިވިއަންއިން އެންމެ ފުރަތަމަ އުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ގައެވެ. އެ އެއާލައިނުން އުމްރާވެރިންނާއި ހައްޖާޖީން އުފުލުމަށް ބޭނުންކުރަނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ. ފަހަކަށް އައިސް ރާއްޖެއިން އުމްރާއަށްދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ޚާއްޞަކޮށް މުޅި އާއިލާ އެކުގައި މި އަޅުކަމަށް ދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.