ކުޅިވަރު
ޖަރުމަނު ގައުމީ ޓީމާ ހަވާލުވުމަށް ކްލޮޕް އެއްބަސްވެއްޖެ
ޔާގަން ކްލޮޕް / ފޮޓޯ: ގެޓީ އިމޭޖަސް
ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަށް، ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް އެއްބަސްވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި މަގާމާ ގުޅޭގޮތުން ކްލޮޕް ވަނީ މިދިޔަ ހުކުރު ދުވަހު ނިއުޔޯކުގައި ޖަރުމަނު ފުޓްބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) ގެ އިސްވެރިންނާ ބައްދަލުކޮށް، މަޝްވަރާތައް ބާއްވާފައެވެ. ޑީއެފްބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަނުގެ ރައީސް ބާންޑް ނިއުއެންޑޯފް އަދި ނައިބު ރައީސް ހަންސް-ޖޯކިމް ވަޓްޒްކޭއާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް ކަމަށާއި، އެކަމާ ގުޅޭ މުހިންމު ކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ކްލޮޕް މި މަގާމާ ހަވާލުވަނީ، ދާދިފަހުން ނިމިދިޔަ ވޯލްޑް ކަޕުން ޖަރުމަނު އަވަހަށް ކެޓުމާ ގުޅިގެން މަގާމުން އިސްތިއުފާ ދިން ޖޫލިއަން ނާގަލްސްމަންގެ ބަދަލުގައެވެ. ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅުނު ޖަރުމަނު ޓީމު ވަނީ މި އަހަރުގެ މުބާރާތުގެ ގަދަ 32 ގެ ތެރެއިން ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ވަކިވާން ޖެހިފައެވެ.
ކްލޮޕް މިހާރު ހުރީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރެޑްބުލްގެ ގްލޯބަލް ފުޓްބޯޅަ ހެޑްގެ މަގާމުގައެވެ. އެހެންކަމުން، އޭނާ ރަސްމީކޮށް ޖަރުމަނު ޓީމާ ހަވާލުވުމުގެ ކުރިން ރެޑްބުލްއާއެކު އެއްބަސްވުމަކަށް އަންނަން ޖެހެއެވެ. ޑީއެފްބީން ބުނިގޮތުގައި ކުރިއަށް އޮތް ހަފުތާގައި ވެސް އިތުރު މަޝްވަރާތައް ކުރިއަށްދާނެއެވެ.
އުންމީދު ކުރެވެނީ ކްލޮޕް ޖަރުމަނު ޓީމާއެކު ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށެވެ. މިއީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ލިވަޕޫލާއެކު ހޭދަކުރި ނުވަ އަހަރުގެ ދައުރު ނިންމާލުމަށްފަހު އޭނާ އަދާކުރާ ފުރަތަމަ ކޯޗިންގ ވަޒީފާއެވެ. އަދި މިއީ ބައިނަލްއަގުވާމީ ޓީމަކާ އޭނާ ހަވާލުވާ ފުރަތަމަ ފަހަރުވެސް މެއެވެ.
ކްލޮޕަކީ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. އޭނާ ވަނީ ލިވަޕޫލަށް 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 2019-20 ވަނަ އަހަރުގެ ޕްރިމިއާ ލީގު ހިމެނޭހެން ހަތް ތަށި ހޯދައިދީފައެވެ. މީގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ޖަރުމަނު ލީގު ދެ ފަހަރު ހޯދައިދީ، މައިންޒް-05 ގައި ވެސް ކާމިޔާބު ހަތް އަހަރު ހޭދަކުރިއެވެ.
ޖަރުމަނު ޓީމުގެ ނަތީޖާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. 2014 ވަނަ އަހަރު ޔޯކިމް ލޯގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެ ޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ.