ޚަބަރު
މިދިޔަ ޖޫން މަހު 21.2 މިލިޔަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވޭ
ޒަކާތު ހައުސްގެ އިވެންޓެއް ކުރިއަށްދަނީ. ފޮޓޯ: ޒަކާތު ހައުސް
މިދިޔަ ޖޫން މަހު ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ޖޫން މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 61.5 މިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ 29 އިންސައްތައިގެ ކުރިއެރުމެކެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން އެންމެ ފަހުން ކަނޑައަޅާފައިވާ ގޮތުން، ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާއެވެ. މިއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށް ޖެހޭ މިންވަރެވެ.
ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހާމަކުރާ އަގުތަކަށް ބިނާކޮށް ޒަކާތުގެ ނިޞާބަށް ދަނޑިވަޅުން ބަދަލު ގެނެއެވެ. މުދަލު ޒަކާތަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ދެއްކޭނެ އެއްޗެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށެވެ. މީރާއަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.