ޚަބަރު
މި އަހަރުގެ މިހާތަނަަށް ފަތުރުވެރިކަމުގެ ސިނާޢަތަށް 68،000 އެނދު ނެރެފި
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ވިޒިޓް މޯލްޑިވްސް
މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 600 އަށްވުރެ ގިނަ އެނދު އިތުރުވެ، ޖުމްލަ އެނދުގެ އަދަދު 68,000 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް މުޅި ޖުމްލަ 68,142 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 67,475 އެނދު ކަމަށްވާއިރު، މިއީ 667 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ އެނދުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ރިސޯޓުތަކުގެ އެނދެވެ. އެގޮތުން ރިސޯޓުތަކުން 45,115 އެނދު ނެރެފައިވާއިރު، ގެސްޓު ހައުސްތަކުން 16,858 އެނދު، ސަފާރީތަކުން 3,515 އެނދު އަދި ހޮޓާތަކުން 2,654 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.
މިހާރު ފަތުރުވެރިންނަށް ޚިދުމަތް ދެމުންދާ ފެސިލިޓީތަކުގެ އަދަދަކީ 1,302 އެވެ. މީގެ ތެރޭގައި ހިމެނެނީ 179 ރިސޯޓު، 934 ގެސްޓުހައުސް، 173 ސަފާރީ އަދި 16 ހޮޓަލެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތައް އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ދަނީ ކުރިއެރުން ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1,114,751 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އެހެންނަމަވެސް، މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު 4.9 އިންސައްތަ ދަށް އަދަދެއްކަން ފާހަގަކުރެވެއެވެ.