ޚަބަރު
ތިލަފުށީގައި ގާއިމުކުރާ "ވޭސްޓް ޓު އެނަރޖީ" ޕްލާންޓުގެ މަސައްކަތް ބާރަށް ކުރިއަށް
ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް.
ތިލަފުށީގައި ގާއިމުކުރާ "ވޭސްޓް ޓު އެނަރޖީ" ޕްލާންޓުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، މިހާރު އެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަކީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމަށް އަންނާނެ ބޮޑު ބަދަލެކެވެ.
މި މަޝްރޫއާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވީ، ތިލަފުށީގައި ގާއިމުކުރަނީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ ޕްލާންޓެއް ކަމަށެވެ. މި ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ.
"މި ޕްލާންޓުން ކުނި ޕްރޮސެސްކުރުމަށްފަހު އުފައްދާނެ ކަރަންޓު މިހާރު ޑިޒައިންކޮށްފައި އެހެރީ 13 މެގަވޮޓް އަވަރގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް. އޭގެތެރެއިން 3 މެގަވޮޓް ބޭނުންކުރާނީ އެ ފެސިލިޓީ ރަންކުރަން، ބާކީ 10 މެގަވޮޓު ނިންމާފައި އޮތީ ގްރިޑަށް ފީޑްކޮށްގެން އެ ވިއްކައިގެން ކުރިއަށްގެންދާ ގޮތަށް،" މުރުތަޟާ ވިދާޅުވިއެވެ.
ކުނި އެންދުމުން އުފެދޭ އަޅިވެސް އިގްތިސާދީ ބޭނުމަކަށް ބަދަލުކުރުމަށް ދަނީ ދިރާސާ ކުރަމުންނެވެ. ދުވާލަކު 500 ޓަނުގެ ކުނި އަންދައިގެން އުފެދޭ 100 ޓަނުގެ އަޅި، އިމާރާތްކުރުމުގެ ސިނާއަތުގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރެވޭ ފެންވަރަށް ޓްރީޓްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި ޕްލާންޓް ހިންގަން ފެށުމުން އަހަރަކު 40,000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވުން ހުއްޓުވޭނެއެވެ.
މި މަޝްރޫއަކީ އޭޑީބީ، އޭއައިއައިބީ، ޖަޕާނުގެ ޖޭސީއެމް އަދި ދިވެހި ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއެކެވެ. މީގެ ސަބަބުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
ތިލަފުށީގެ އިތުރުން އައްޑޫ ސިޓީގައިވެސް ވަނީ ވޭސްޓް ޓު އެނަރޖީ ޕްލާންޓެއް ގާއިމުކޮށްފައެވެ. އައްޑޫގައި ހުރި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ތަނެކެވެ. އެ ޕްލާންޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.