ޚަބަރު
އިމިގްރޭޝަނުން ތިލަފުށީގައި ހިންގި ހާއްސަ ރެއިޑެއްގެ ތެރެއިން 836 ބިދޭސީން ބަލައިފާސްކޮށްފި
ރެއިޑްގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް، ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން 836 ބިދޭސީން ބަލައިފާސްކޮށްފައިވާކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، ބަލައިފާސްކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އިމިގްރޭޝަނުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކި މަސައްކަތްތައް ކުރަމުން އަންނައިރު، ބިދޭސީން ގިނައިން ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ހިންގާ ރެއިޑްތައް ވަކިން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. އެގޮތުން މި މަހު މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ހިންގި ރެއިޑް އޮޕަރޭޝަން ފާހަގަކޮށްލެވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އާބާދީގެ ފިރިހެނުންގެ ތެރެއިން %47 އަކީ ބިދޭސީން ކަމަށްވާއިރު، މާލޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން 1 އަކީ ބިދޭސީއެކެވެ. އަދި ރާއްޖޭގެ މަސައްކަތު އުމުރުފުރާގައި ވެސް ގިނައީ ބިދޭސީންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ… pic.twitter.com/z1Bl5wpHnb
— Maldives Immigration (@ImmigrationMV) July 12, 2026
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަދުގެ ސަރުކާރުން ގެންދަވަނީ އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން، "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށް އެމީހުންގެ ފޮޓޯ އަދި އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެމީހާގެ ވަނަވަރު ދެނެގަނެވޭނޭ ގޮތް ހެދުމަށް ހިންގި ހަރަކާތް ފާހަގަކޮށްލެވެއެވެ. މި ހަރަކާތުގެ ދަށުން މިހާރުވަނީ 191،000 އަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކްސް އެއްކުރެވިފައެވެ.
މީގެ އިތުރުން، ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަނުން ގުޅިގެން ކުރިއަށް ގެންދާ "މައިގްރޭޝަން މޮނީޓަރިންގް އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" (އެމްއެމްސީޕީ) ޕްރޮގްރާމު ވެސް ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ، އެމީހުނަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެމީހުން ރާއްޖޭގައި އުޅެނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތައްތޯ ބެލުމުގެ މަގްސަދުގައި އުފެއްދި ޕްރޮގްރާމެކެވެ. އަދި މި މަސައްކަތުގެ ތެރެއިން، ގްރޭޓަރ މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ޕެޓްރޯލުކުރުމަށާއި، ބިދޭސީން ގިނައިން އެއްވާ ސަރަހައްދުތަކުގައި ބަލާފާސްކުރުމުގެ ކަންތައްތައް ބާއްވާގޮތަށް އޮތީ ހަމަޖެހިފައެވެ.
އެމީހެއްގެ މައުލޫމާތު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާނުކުރާ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދީ ރާއްޖޭން ބޭރުކޮށްލެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.