ޚަބަރު
މާލެ ޑެކްލަރޭޝަންގެ 17 ވަނަ އިންޓަގަވަމެންޓަލް ބައްދަލުވުން ބާއްވައިފި
މާލެ ޑިކްލަރޭޝަންގެ 17 ވަނަ އިންޓަގަވަމެންޓަލް ބައްދަލުވުން. ފޮޓޯ: ތިމާވެެއްޓާ ބެހޭ ވުޒާރާ
ދެކުނު އޭޝިއާގެ ވައިގެ ތަޣައްޔަރުކަން ކޮންޓްރޯލްކުރުމާއި އޭގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ "މާލެ ޑެކްލަރޭޝަން" ގެ 17 ވަނަ އިންޓަގަވަމެންޓަލް ބައްދަލުވުން މާލޭގައި ބާއްވައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (SACEP) އަދި އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ރީޖަނަލް ރިސޯސް ސެންޓަރު ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (RRC.AP) ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ.
The 17th Intergovernmental Meeting of the “Malé Declaration on Control and Prevention of Air Pollution and its Likely Transboundary Effects in South Asia”, co-organized by @sacep_org and @RRCAP_AIT, was held in Male’ from 8 to 9 July. Member countries discussed reviving and… pic.twitter.com/vZrJcQru0R
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 12, 2026
މި ބައްދަލުވުމުގައި މެންބަރު ގައުމުތަކުން ވަނީ މާލެ ޑިކްލަރޭޝަން އަލުން ދިރުވައި، އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކަނޑައަޅާފައިވާ މަސައްކަތުގެ ތާވަލާ ގުޅޭގޮތުންވެސް މެންބަރު ގައުމުތަކުގެ މެދުގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
ވައިގެ ތަޣައްޔަރުކަމުގެ މައްސަލައަކީ ސަރަހައްދީ ފެންވަރުގައި ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވައި، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމް މި ބައްދަލުވުމުގައި މެންބަރު ގައުމުތަކުން ވަނީ އާކޮށްފައެވެ.