ޚަބަރު
އައްޑޫން ސީދާ ޖިއްދާއަށް: ދެކުނުގެ ރައްޔިތުންނަށް ރައީސް މުޢިއްޒު ހޯއްދަވައިދެއްވި ތާރީޚީ ފަސޭހައެއް
އައްޑޫއިން ޖިއްދާއަށް ދިޔަ ފްލައިޓް - ފޮޓޯ: ނިޒާރު އެކްސް
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ސީދާ ސައުދީއަރަބިޔާގެ ޖިއްދާއަށް ކުރެވޭ ފުރަތަމަ އުމްރާ ދަތުރު ރަސްމީކޮށް ފަށައިފިއެވެ.
"ދަ ޓްރެވެލާ ހައްޖު އެންޑް އުމުރާ ގުރޫޕު" އާއި ގައުމީ އެއަރލައިން "މޯލްޑިވިއަން" ގުޅިގެން ކުރިއަށްގެންދާ މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓް ފުރާފައިވަނީ ނިމިދިޔަ ރޭ ފަތިހުގެ ވަގުތެއްގައެވެ.
މިއީ ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް، ޚާއްޞަކޮށް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު އުފަލަކާއި ލުއިފަސޭހަކަމެކެވެ. މީގެ ކުރިން އުމްރާއަށް ދިއުމަށްޓަކައި މާލެއަށް ގޮސް އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އައިސް، އަމިއްލަ ރަށުގައި ތިބެގެން ސީދާ މައްކާއަށް ދިއުމުގެ މަގު މިވަނީ ފަހިވެފައެވެ.
މި ތާރީޚީ ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފަސޭހަގޮތްތައް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ފޮނި ނަތީޖާއެވެ. ރައީސް ޑރ މުޢިއްޒުގެ މި ހަރުދަނާ ސިޔާސަތުތަކާއެކު، ދެކުނުގެ ރައްޔިތުންނަށް މިއަދު މިވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބެން ފަށާފައެވެ.
މިފަދަ ބޮޑު ތާރީޚީ ކުރިއެރުމެއް އައްޑޫއަށް ލިބިގެންދާކަމަށްޓަކައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ ދަ ޓްރެވެލާ ހައްޖު އެންޑް އުމުރާ ގުރޫޕު އާއި ގައުމީ އެއަރލައިން މޯލްޑިވިއަން އަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ސަރުކާރާއި ދަ ޓްރެވެލާ އާއި ގުޅިގެން ކުރިއަށް ގެންދަވާ މަސައްކަތަކީ މެދުކެނދުމެއްނެތި ކުރެވޭ މަސައްކަތެއްގެ ގޮތުގައި ލެއްވުމަށް އެދި ނިޒާރު ވަނީ ދުއާ ކުރައްވާފައެވެ. އަދި މިކަން މި ގޮތުގައި މެދުނުކެނޑި ކުރިއށްދާނެ ކަމަށް އުންމީދު ކުރައްވާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީއިން ސީދާ ސައުދީއަރަބިޔާގެ ޖިއްދާއަށް ކުރެވޭ ފުރަތަމަ ދަތުރަކީ ވަރަށް ތާރީހީ އަދި އެހާމެ އުފާވެރިކަން އިހުސާސް ކުރެވޭ ދަތުރެއް. މިދަތުރުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ބުނެދޭން ނޭގޭ މިންވަރުގެ ލުއި ފަސޭހަތަށް ލިބިގެންދާނެ. މިދަތުރުގައި ބައިވެރިވުމުގެ… pic.twitter.com/6ydU5OiSpv
— Ali Nizar (@DhekunuNizar) July 11, 2026
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ފައިސަލް ނަސީމްވެސް ވަނީ މިފަދަ ކަމެއް ފެއްޓެވިކަމަށްޓަކައި ދަ ޓްރެވެލާ ހައްޖު އެންޑް އުމުރާ ގުރޫޕަށް ޝުކުރު އަދާކުރައްވާފައެވެ. ފައިސަލް ނައިބު ރައީސް ކަމުގައި ހުންނެވި ފަސް އަހަރު ތެރޭގައި މިފަދަ ކަމެއް، ދެކުނަށް ކޮށްދެވިފައިނުވާކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.
ދަ ޓްރެވެލާ ހައްޖު އެންޑް އުމުރާ ގުރޫޕު އިން، އައްޑޫ އިން ސީދާ ޖިއްދާ އަށް ދެވޭ ފުރަތަމަ ފްލައިޓް، މޯލްޑިވިއަން އާއި ގުޅިގެން ހޮނިހިރު ދުވަހުގެރޭ ބާއްވާފައިވާއިރު، މިއީ ވަރަށް ތާރީޚީ ދަތުރެއް.
— Faisal Naseem (@FaisalNasym) July 12, 2026
މިފަދަ ދަތުރެއް މި ގޮތަށް ބޭއްވިގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް.… pic.twitter.com/ch8C8eeFgW
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވާ މިފަދަ ތަކުލީފުތަކަށް ހައްލު ހޯދާދިނުމަށް ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.