ޚަބަރު
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ 90 އިންސައްތަ ނިމިއްޖެ
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން %90 މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް ބުނެފައިވަނީ، މަޝްރޫޢުގެ ތެރެއިން އެންމެ ފަހުން ކުރިއަށްގެންދިޔަ ކީވޯލް ކެޕިން ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިކަމަށާއި، މަޝްރޫޢުގެ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް ޖުލައި 12 ގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައި ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ވަނީ، މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތްތައް މި ހަފުތާ ދުވަހުގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާކަން ހާމަކޮށްފައެވެ. އަދި އެއީ މަޝްރޫޢު ނިމުމަކާއި ގާތަށްދާކަން ދައްކުވައިދޭ ކަމެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ.
އެމްޓީސީސީން އިތުރަށް ވިދާޅުވީ، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި، ޕާކިން ޒޯންއެއް ގާއިމުކުރުމުގެ މަސައްކަތުގެ އިތުރުން ޕޭމަންޓުގެ ބާކީ ހުރި މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.
The Malé North Side Boduthakurufaanu Magu Road Project (Phase 1) has now reached 90% completion, with quay wall capping concrete works completed in full.
— MTCC Plc (@MTCCPlc) July 12, 2026
Sub-base works and Aggregate Base Course (ABC) laying works are scheduled to reach 100% completion on 12th July 2026, while… pic.twitter.com/1DGjml96Bz
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މަގުގެ މަސައްކަތް އެއްކޮށް ނިންމައި މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އާންމުންނަށް ހުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވަނީ ވިދާޅުވެފައެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ހަތަރު ލޭނަށް ފުޅާކުރުމާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 455 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.