ޚަބަރު
މުލަކު ފުލުހުންގެ މަރުކަޒުގެ ސްޓްރަކްޗަރ މަސައްކަތް ފަށައިފި
މުލަކު ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުން.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މުލަކަތޮޅު މުލަކުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ސްޓްރަކްޗަރ މަސައްކަތްތައް ފަށައިގެން ބާރަށް ކުރިއަށްދާކަން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ފަށްޓަވައިދެއްވި މުހިންމު މަސައްކަތެކެވެ.
މުލަކު ކައުންސިލުގެ ރައީސް އަޙްމަދު ޖަމާލު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ މަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތުގެ ސްޓްރަކްޗަރގެ މަސައްކަތްތައް ކަމަށާއި، މުޅި މަޝްރޫޢުގެ ގާތްގަނޑަކަށް 25 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ 25 އިންސައްތަ މިހާރު ނިމިފައިވަނީ. މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށް އެބަދޭ. އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ސްޓްރަކްޗަރގެ މަސައްކަތްތައް،" ކައުންސިލު ރައީސް ޖަމާލު ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގޭންގް ކުށްތައް ހުއްޓުވުމަށާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމަކީ މިފަދަ އިޖުތިމާޢީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މުލަކަށް ކުރެއްވި ޒިޔާރަތުގައި ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. މި މަޝްރޫޢުތަކަކީ އެ ވަޢުދުތައް ފުއްދުމުގެ ގޮތުން ކުރިއަށްދާ މުހިންމު މަސައްކަތްތަކެކެވެ.