ޚަބަރު
ހުރާގެ ފެނުގެ ޚިދުމަތް ހަރުދަނާކުރުމަށް ސްޓެލްކޯއިން މަސައްކަތްތަކެއް ފަށައިފި
ހުރާގެ ފެނުގެ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ
ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯއިން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތްތަކަކީ އެ ރަށުގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
މިގޮތުން، ރަށުގައި ބަހައްޓާފައިވާ އާރުއޯ (RO) ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު ބަދަލުކޮށް، އައު ޕަންޕެއް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، މައްސަލަޖެހި ނުހިންގާތާ އަށް މަސް ދުވަސްވެފައިވާ ޕްލާންޓް މަރާމާތުކޮށް، އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ތިން ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުން، ރަށުގެ މިހާރުގެ ޑިމާންޑާ އެއްވަރަށް ފެން އުފެއްދުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ރަށުގައި ފެން ރައްކާކުރެވޭ މިންވަރުވެސް އިތުރުވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކ. ހުރާގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މުހިންމު މަސައްކަތްތަކެއް މިކުންފުނިން ދަނީ ކުރަމުން. މިގޮތުން، ރަށުގައި ބަހައްޓާފައިވާ RO ޕްލާންޓްތަކުގެ ތެރެއިން އެއް ޕްލާންޓުގެ ހަލާކުވެފައިވާ ހައިޕްރެޝަރ ޕަންޕާއި މޯޓަރު… pic.twitter.com/E0RlsMWiT2
— STELCO (@STELCOMALDIVES) July 13, 2026
ކ. ހުރާގެ ކަރަންޓާއި، ފެން އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ޚިދުމަތާ ހަވާލުވީއްސުރެ، ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.