ޚަބަރު
ޕެރޯލަށް އެދި ހުށަހަޅާފައިވާ ޤައިދީންގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކޮށްފި
އިންޓަވިއުގެ ތެރެއިން. ފޮޓޯ: ކަރެކްޝަން
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ޕެރޯލްއަށް ޝަރުތު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްޞަ ބައްދަލުވުންތަކެއް މާފުށީ ޖަލުގައި މި މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ޕެރޯލް ބޯޑުގެ މެންބަރުން ވަނީ މި ދަތުރުގެ ތެރެއިން، މާފުށި ޖަލުގައި ގައިދީންނަށް އަމާޒުކޮށްގެން ހިންގަމުންދާ އެކިކަހަލަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ކޯސްތައް ކުރިއަށްދާ ވޮކޭޝަނަލް ސައިޓަށް ޒިޔާރަތްކޮށް، އެ ތަނުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.
ޕެރޯލް އަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށް، ގޮތެއް ނިންމުމަށްޓަކައި ޕެރޯލް ބޯޑުގެ ޚާއްޞަ ބައްދަލުވުންތަކެއް 11 ޖުލައި 2026 ގައި މާފުށި ޖަލުގައި ވަނީ ބާއްވާފަ. މި ދަތުރުގެ ތެރެއިން، ޕެރޯލް ބޯޑުގެ މެންބަރުން ވަނީ… pic.twitter.com/0D6Zk5xBSY
— Maldives Correctional Service (@CorrectionsMv) July 12, 2026
ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ ތެރެއިން ޙުކުމްގެ މުއްދަތުން ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ޤައިދީން، މުޖުތަމައުގެ ރައްކާތެރިކަން ގެއްލިގެން ނުދާނެ ގޮތެއްގެ މަތިން، ކަނޑައެޅޭ ވަކި ޝަރުތުތަކަކާއެކު ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ފުރުސަތު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޤައިދީންނަށް ލިބިގެންދެއެވެ.
2025 ވަނަ އަހަރު، 241 ފަރާތަކުން ޕެރޯލްއަށް އެދިފައިވާއިރު، 27 މީހަކު ވަނީ ޕެރޯލްގެ ދަށުން ދޫކޮށްލެވިފައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.