ޚަބަރު
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5ވަނަ ބުރުގެ އޮޑިޝަން ފަށައިފި
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރުގެ އޮޑިޝަންގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
ޒުވާން ޚަތީބުން ތަމްރީނުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމުގެ 5ވަނަ ބުރުގެ އޮޑިޝަންތައް މިއަދު ފަށައިފިއެވެ.
މި ބުރުގައި ޖުމްލަ 80 ޒުވާން ޚަތީބުން ތަމްރީން ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ، ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ޒުވާނުންނަށް މި ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި މަސައްކަތެކެވެ. މި ޕްރޮގްރާމް ހިންގަމުންދަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.
އޮޑިޝަންތަކާއި ތަމްރީނުތައް ކުރިއަށްދާނެ ގޮތް
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މާލެ ސަރަޙައްދުގެ އޮޑިޝަންތައް މިމަހުގެ 12 އިން 20 އަށް ކުރިއަށްދާނެއެވެ. އަދި އަތޮޅުތެރޭގެ އޮޑިޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 20 އަށެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މާލެ ސަރަޙައްދުގެ އޮޑިޝަންތައް ފެށިގެން ކުރިއަށްދާއިރު، ފުރަތަމަ ދުވަހު އެކަނިވެސް 22 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ބުރުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 23 އިން 30 އަށެވެ. އަތޮޅުތަކުން ބައިވެރިވާ ކުދިންނަށް މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. މި ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ މާލެ ސަރަޙައްދުން 40 ކުދިންނަށާއި އަތޮޅުތަކުން 40 ކުދިންނަށެވެ.
ޕްރޮގްރާމްގެ އަމާޒާއި ބައިވެރިން
މި ޕްރޮގްރާމަކީ ޚާއްޞަކޮށް ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މީގެ ބޭނުމަކީ ޅަފަތުގައި ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމާއި މިސްކިތްތަކުގެ މިންބަރުތަކަށް ޒުވާނުން އަހުލުވެރިކުރުވުމެވެ.
ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 4 ބުރެއް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ދަށުން ޖުމްލަ 1000 ޒުވާން ޚަތީބުން ތަމްރީންކުރުމެވެ.