Ads by Farudhun

ޚަބަރު

"ބޭސްލައިން ބަޖެޓު" އޮގަސްޓް 20 ގެ ކުރިން ހުށަހެޅުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި

"ބޭސްލައިން ބަޖެޓު" އޮގަސްޓް 20 ގެ ކުރިން ހުށަހެޅުމަށް ދައުލަތުގެ އިދާރާތަކަށް އަންގައިފި

ދައުލަތުގެ ބަޖެޓު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

13 ޖުލައި 2026، 11:39

13 ޖުލައި 2026، 11:39

ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ "ބޭސްލައިން ބަޖެޓް" އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން  ދައުލަތުގެ އިދާރާތަކަށް އަންގައިފިއެވެ.

މި ކަން އަންގަވާފައިވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ސޮއިކުރައްވާ، އެ ވުޒާރައިން މި މަހުގެ 9 ވަނަ ދުވަހު ނެރުއްވި ސަރކިއުލަރގައެވެ.

2027 އިން 2029 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓު ހުށައަޅާނީ، އެސް.އޭ.ޕީ.ބީ.ސީ މޮޑިއުލް މެދުވެރިކޮށް ކަމަށް ސަރކިއުލަރ ގައި ބުނެފައިވެއެވެ. އަދި އިދާރާތަކުން ބޭސްލައިން ބަޖެޓު އެކުލަވާލާއިރު، އެކުލަވާލަންވާނީ، އެ އޮފީހެއްގެ ކޮންމެ ފަންޑަކަށް ލިބޭ ސީލިންގ އަށްވުރެ ބޮޑުނުވާނެ ގޮތަށް ކަމަށް ވެސް ސަރކިއުލަރގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި އިދާރާތަކަށް ކަނޑައެޅޭ ބަޖެޓުގެ ޖުމުލަ އެކުލަވާލާނީ، އިދާރާތަކުން ހުށަހަޅާ ބޭސްލައިން ބަޖެޓުގެ އިތުރުން ނިއު ޕޮލިސީ އިނީޝިއޭޓިވްސްތަކުގެ ތެރެއިން ކުރަން ނިންމާ ކަންކަމުގެ ބަޖެޓާއި ވެސް އެކުގައި ކަމަށް، ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ބޭސްލައިން ބަޖެޓުގެ ތެރޭގައި،  އަލަށް ފެށުމަށް ރާވާފައިވާ ހަރަކާތްތަކާއި މަޝްރޫޢުތަކާއި، އިތުރަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެއްޗާއި، އަދި އަލަށް ނަގަން ގަސްދުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށް ސަރކިއުލަރގައިވެއެވެ. 

އެއީ ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު  ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫޢުތައް، މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕްގައި ކުރިއަށްގެންދިއުމަށް ޓަކައި ހިނގާނެކަމަށް ލަފާކުރެވޭ، ޚަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއްކަމަށްވާތީއެވެ.

އެހެންކަމުން، ވުޒާރައިން އާއްމުކޮށްފައިވާ ސަރކިއުލަރގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް، އޮގްސްޓް މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ވުޒާރާއަށް ހުށައެޅުމަށް ސަރކިއުލަރގައި ވަނީ އަންގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450