ދުނިޔެ
ބެންކޮކްގެ ޕަބެއްގައި ރޯވެ 27 މީހުން މަރުވެ 73 މީހުން ޒަހަމްވެއްޖެ
ބެންކޮކްގެ ޕަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން. ފޮޓޯ: ރޮއިޓާސް
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އުތުރުގައި ހުންނަ މަގުބޫލު ޕަބެއްގައި ރޯވެގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެ 73 މީހުން ޒަހަމްވެއްޖެއެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައި ވިދާޅުވީ، 27 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށާއި، ޒަހަމްވި މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާ ކަމަށެވެ.
އެ ވަގުތު ޕަބްގައި ހުރި މިއުޒިޝަނަކު މައުލޫމާތު ދިން ގޮތުގައި، ކަރަންޓު ކެނޑުމުގެ ކުރިން ސްޓޭޖް ކައިރީގައި ހުރި ސާކިޓް ބްރޭކަރަކުން ދުން އެރިއެވެ. އޭގެ ފަހުން ގޮވުމެއްގެ އަޑު އިވި، މުޅި ތަނުގައި ދުން ބޯވިކަމަށް އޭނާ ކިޔައިދިނެވެ.
މި ހާދިސާގައި މަރުވި ގިނަ މީހުން ފެނިފައިވަނީ ޕަބްގެ ފަހަތުގައި ހުރި ފާޚާނާތަކުގެ ތެރެއިންނެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، 'ނާ ލަޑްޕްރާއޯ' ޕަބްގެ ކުރިމަތީ ދޮރުން ބޮޑެތި އަލިފާންގަނޑުތައް ނުކުމެ، އުޑުމައްޗަށް ބޯ ކަޅު ދުން އަރަމުންދިޔައިރު، މީހުން ދިޔައީ ސަލާމަތްވުމަށް ދުވަމުންނެވެ. ރެސްކިއު ޓީމުތަކުން ބުނި ގޮތުގައި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މެންދަމުއެވެ.
ހާދިސާގައި ސަލާމަތްވި ބޭންޑް މެންބަރެއް ކަމަށްވާ އަތިޕަޓް ވިޖާން ކިޔައިދިން ގޮތުގައި، އަލިފާން ރޯވުމާއެކު އެންމެން އެކަކު އަނެކަކު ފިއްތަމުން ބޭރަށް ނުކުތުމަށް މަސައްކަތް ކުރިއެވެ. އޭނާ ބޭރަށް ނުކުތުމަށް ފިރުކެމުން ދަނިކޮށް ގޮވުމެއް ގޮވައި ބޮލަށް އަނިޔާވި ކަމަށް ބުންޏެވެ. މި ހާދިސާގައި އޭނާގެ ލޯބިވެރިޔާ އަދި ބޭންޑްގެ ލަވަކިޔުންތެރިޔާ ބްރީޒް އާއި ކީބޯޑިސްޓް ކުވާންގް ވަނީ މަރުވެފައެވެ. އެރަވަން އިމަޖެންސީ ސެންޓަރުން ބުނި ގޮތުގައި ޒަހަމްވި މީހުންގެ ތެރެއިން 25 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދެއެވެ.
ނޭޝަނަލް ޕޮލިސް ޗީފް ކިޓްރަޓް ޕަންޕެޓް ވިދާޅުވީ، ޕަބްގެ ތެރޭގައި ހުރި ބައެއް ދޮރުތައް ބަންދުވެފައި ހުރުމުން މީހުންނަށް ނުކުތުމަށް ދަތިވި ކަމަށެވެ. ވަކިން ހާއްސަކޮށް އެއް ދޮރުގެ ކުރިމަތީގައި ހަރުގަނޑެއް ބަހައްޓާފައި ހުރުމުން، އެއްފަހަރާ ނުކުމެވެނީ އެންމެ މީހަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފުލުހުން މިހާރު ދަނީ 50 އަހަރުވީ އެ އިމާރާތުގެ ވަޔަރިންގް އާއި އަލިފާން އަވަހަށް ފެތުރުމަށް މެދުވެރިވި ސަބަބުތައް ތަހުގީގު ކުރަމުންނެވެ.
މިއީ 2009 ވަނަ އަހަރު ބެންކޮކްގެ ސަންޓިކާ ކްލަބްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ތައިލެންޑުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. 2009 ގެ ހާދިސާގައި 67 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. ފުލުހުން ބުނާ ގޮތުގައި މިހާރު ހިނގި ހާދިސާއަކީ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް ބެލެވެއެވެ.