ޚަބަރު
މަރަދޫގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ފުލުހުން ބަންދުކޮށްފި
ބަންދުކުރި ތަން. ފޮޓޯ: ފުލުހުން
ސ. މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދިޔަ ގެޔެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ގެ ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
ފުލުހުން އިތުރަށް ބުނީ، މި އަމުރު ނެރެފައިވަނީ 12 ޖުލައި 2026 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށް އެތަން ބަންދުކުރުމަށް އަމުރުގައިވެއެވެ.
މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި ގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅިގެންދާނޭކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރަމުންދާނެކަމުގެ ޔަގީންކަން ފުލުހުންދެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރައްވާނޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މަސްތުވާތކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެހާމެ ހައްސާސް މައްސަލައެއް ކަމުން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާ ތަކެތި އަތުލައިގަތުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާ އެހެން އެއްވެސް ސަރުކާރަކުން އަތުލައި ނުގަންނަހާ ގިނަ މަސްތުވާ ތަކެތި އަތުލައިގަނެ އެތަކެތި ވަނީ ނައްތާލާފައެވެ.