ޚަބަރު
އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުމުގެ ނަތީޖާ މިއަދު ފެންނަމުންދަނީ ހިތިކޮށް: އަޒާން
އެމްޕީ އަޒާން - ފޮޓޯ: އެމްއެމް ޕްލަސް
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ދައުލަތް ހިންގުމުގެ ސަބަބުން، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ސަރުކާރު ހިންގުމަށްޓަކައި އެމްއެމްއޭ އިން ނަގާފައިވާ ދަރަނި ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ.
MMA’s statistics show that central-bank financing of the government more than doubled under the MDP administration. Between the end of 2018 and the end of 2023, the MMA’s claims on the central government rose from MVR 6.25 billion to MVR 14.61 billion, while net claims increased…
— Ahmed Azaan (@axanner) July 13, 2026
ތަފާސްހިސާބުތަކަށް އަލިއަޅުވާލަމުން އަޒާން ވިދާޅުވީ، 2018 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން އެމްއެމްއޭއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 6.25 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 14.61 ބިލިއަން ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ. އަދި ނެޓް ކްލެއިމްސް ނުވަތަ ސަރުކާރުން ދައްކަންޖެހޭ ސާފު ދަރަނި 5.28 ބިލިއަނުން 12.61 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
އަޒާން ވިދާޅުވި ގޮތުގައި މިއީ "މަނިޓަރީ ފައިނޭންސިންގް" ނުވަތަ އާންމު ބަހުން ނަމަ ފައިސާ ޗާޕުކުރުމެވެ. މިކަމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމަށް އޭރު އިންޒާރު ދިނުމުން، އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިތުރުވާ ފައިސާ (ލިކުއިޑިޓީ) މާކެޓުން އަނބުރާ ނަގާނެ ކަމަށެވެ. ނަމަވެސް އަމީރު ވިދާޅުވި ގޮތަށް އެކަން ކުރެވިފައިނުވާ ކަމަށް އަޒާން ފާހަގަކުރެއްވިއެވެ.
ކުރީގެ މިނިސްޓަރު އަމީރު މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަޒާން ވިދާޅުވީ، ތަކެތީގެ އަގު އުފުލުމާއި (އިންފްލޭޝަން) ދިވެހި ރުފިޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުގެ ވާހަކަ އަމީރު މިއަދު ދައްކަވާއިރު، އެކަންކަން މެދުވެރިވުމުގައި އަމީރުގެ އަމިއްލަ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާއިރު، އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.