ޚަބަރު
މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން: އެތައް ސަރުކާރެއް ބަދަލުވިއިރުވެސް ހައްލެއް ނުލިބި އޮތް ބޮޑު ގޮންޖެހުމެއް
މިނިސްޓަރު ސައީދު - ފޮޓޯ: ޕީއެސްއެމް
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ކަމުގައި ވީނަމަވެސް، ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި މިކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާކަމަށް އިކޮނޮމިކް މިނސިްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީސު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައެއް ބާލާ މާލޭ ވިޔަފާރި ބަނދަރުގައި މުދާ ބޭލުމަށް ދިމާވާ ދަތިތަކުގެ ސަބަބުން، ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް އަންނަނީ އުފުލަންޖެހެމުން ކަމަށެވެ. ބޯޓުފަހަރު ބަނދަރުން ޖާގަ ނުލިބި ބޭރުގައި މަޑުކުރަންޖެހޭ ވަގުތު އިތުރުވުމާއި، މުދާ ކްލިއަރ ކުރުމުގައި ހުރި ލަސްތަކަކީ ޒަމާނުއްސުރެ ހައްލުނުވެ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ފުނިޖެހެމުން އައިކަން ސަރުކާރުތަކަށް ފެނުނު. އެފަދަ ގޮންޖެހުމަކަށް ވެފައިއޮތް ބޮޑު އެއްމައްސަލަ އަކީ މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހި މުދާބޭލުމަށް ދިމާވަމުންދާ ދަތިތައް. ފާއިތުވެދިޔަތާނގައި ސަރުކާރުތައް އައިސް ގޮސް ޒަމާންބަދަލުވިއިރުވެސް… https://t.co/X6yhVFHnjG
— Mohamed Saeed (@em_saeed) July 13, 2026
މި މައްސަލަ ހައްލުކުރުމަށް އެކި ދުވަސްވަރު އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް، ޒަމާން ބަދަލުވެ، ސަރުކާރުތައް އައިސް ގޮސްވީއިރުވެސް މިކަން އޮތީ އޮތް ހިސާބެއްގައި ތާށިވެފައެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ވަސީލަތްތަކުގެ މަދުކަމުގެ ސަބަބުން މުޅި އިގްތިސާދީ ދުވެއްޔަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
ފާއިތުވި ދިގު މުއްދަތުގައި، ރާއްޖޭގެ ކުރިއެރުމަށް އެޅިފައިވާ މި ބޮޑު ހުރަސް ކޮންމެ ސަރުކާރަކަށްވެސް ފެނި، އެއީ ގޮންޖެހުމެއްކަން ގަބޫލުކުރެވުނު ނަމަވެސް، މައްސަލައިގެ އަސްލު ހައްލާ ހަމައަށް ވާސިލުވެވިފައި ނުވުމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ.
ވިޔަފާރިވެރިންނަށާއި، އާންމު ރައްޔިތުންނަށް އެމްޕީއެލް ބަދަރުން މުދާބޭލުމަށް ދަތިވަމުންންދާތީ އެކަމަށް ހައްލު ހޯދުމަށް ތިލަފުށީގައި ބަދަރެއް ގާއިމުކުރުމުގެ މަސައްކަތްވަނީ އަދުގެ ސަރުކާރުން ފަށާފައެވެ.
އެގޮތުން މާލޭ ވިޔަފާރި ބަނދަރު ތޮއްޖެހުން ކުޑަކުރުމަށް އަދުގެ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، "އެމް.ވީ ސެލެސްޓިއާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަށް ކޮންޓޭނަރު ބަރުކުރުމުގެ މަސައްކަތް ތިލަފުށީ ބަނދަރުގައި ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފައިވެއެވެ.
މި އޮޕަރޭޝަންގައި އެ ބޯޓަށް ޖުމްލަ 372 ޓީ.އީ.ޔޫ (TEUs) ގެ ކޮންޓޭނަރު ބަރުކޮށްފައިވަނީ 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައެވެ.
މެއި 2026 ގައި ތިލަފުށީ ބަނދަރުގައި ޓްރަޔަލް އޮޕަރޭޝަންތައް ފެށި ފަހުން، "އެމް.ވީ ސެލެސްޓިއާ" އަކީ އެ ބަނދަރުގައި ކާމިޔާބުކަމާއެކު ބަނދަރުކުރި ހަތަރުވަނަ ބޯޓެވެ. މާލޭ ބަނދަރަށް ދިމާވެފައިވާ ބާރުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ތިލަފުށީ ބަނދަރުގެ ބޭނުން މިހާރު އަންނަނީ ހިފަމުންނެވެ.
ފާއިތުވި ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް މި މައްސަލަ މިއަދު ބަދަލުވަމުންދާއިރު، ރައީސް ޑރ. މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް މިހާރު ދަނީ އަމަލީ ސިފައެއްގައި ފެންނަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ނޮވެންބަރު 2027 ގެ ނިޔަލަށް ތިލަފުށީ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއަޅާފައިވާ ބަނދަރު ތޮއްޖެހުމުގެ މައްސަލައަށް އޮތް އެންމެ ފުރިހަމަ އަދި ދާއިމީ ހައްލު ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މި މަސައްކަތް ނިމުމުން، މުދާ ބޭލުމުގައި ދިމާވާ ދަތިތައް ނެތިގޮސް، ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ތާރީޚުގައި ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫއެވެ.