ޚަބަރު
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި
ރައީސް އޮފީސް - ފޮޓޯ: ރައީސް އޮފީސް
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި އިޢުލާނެއްގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އަށެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، އެ އޮފީހުގެ ވެބްސައިޓުން (https://presidency.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ކުށުގެ ރިކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމުގެ އިތުރުން، މަޤާމަށް ކުރިމަތިލާ މީހާގެ އިޤްރާރު ހިމެނެއެވެ.
މި މަޤާމަކީ ރާއްޖޭގެ ތަފާސްހިސާބާ ބެހޭ ކަންކަން ރޭވުމާއި، ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މުހިންމު މަޤާމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި ހުޅުވާލީ، މިހާރު އެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވާތީއެވެ.