Ads by Farudhun

ޚަބަރު

އޯއައިސީގެ 9 ވަނަ ކޮންފަރެންސް އޮން ވިމެންގައި ވަޒީރު ޤީލާ ބައިވެރިވެވަޑައިގަންނަވައިފި

އޯއައިސީގެ 9 ވަނަ ކޮންފަރެންސް އޮން ވިމެންގައި ވަޒީރު ޤީލާ ބައިވެރިވެވަޑައިގަންނަވައިފި

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ޖުލައި 2026، 11:34

14 ޖުލައި 2026، 11:34

 އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 9 ވަނަ ކޮންފަރެންސް އޮން ވިމެންގައި، ރާއްޖޭގެ ޞިއްޙަތާއި ޢާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި 13 ޖުލައި 2026 ގައެވެ. ވަޒީރު ޤީލާ ވަނީ މި ބައްދަލުވުމުގެ ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ސެޝަންގެ އާންމު ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ ވަޒީރުންނާއި މަންދޫބުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، މިންތީގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އެ ގޮތުގައި ކުރިއަށްދާކަން ކަށަވަރުކޮށްދެއްވާފައެވެ.

އަދި ވަޒީރު ވަނީ ބައްދަލުވުމުގެ ޝިޔާރުކަމަށްވާ "އޯ.އައި.ސީގެ ގައުމުތަކުގައި އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުން: ގޮންޖެހުންތަކާއި ކުރިއަށް ދާނެ މަގު" ޝިޔާރަކީ، ރާއްޖެއިން "ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީ.އީ.އޭ.ޕީ) 2022-2026" ގެ ދަށުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ޓަކައި ކުރަމުންދާ ކަންތައްތަކާއި ވަރަށް ބޮޑަށް ގުޅޭ ޝިއާރެއްކަން ފާހަގަކުރައްވާފައެވެ.



ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާއިން އަންހެނުންނަށް ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ،  ރާއްޖޭގެ އިންތިޚާބީ ކައުންސިލަރުންގެ %37 އަކީ އަންހެނުންކަން ފާހަގަކުރައްވާފައެވެ. އަދި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، 'ޓޭކިންގ ދަ ލީޑް: ވިމެން އިން ޕޮލިޓިކްސް'، އަދި 'ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން' ފަދަ ހަރަކާތްތަކުގެ ޒަރީއާއިން އަންހެނުން ލީޑަރޝިޕް ދައުރުތަކަށް ތައްޔާރުކުރަމުންދާކަމަށެވެ.

މީގެ އިތުރުން ވަޒީރުވަނީ، ރަށު ފެންވަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަތޮޅު، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ކަނޑައަޅާ މަސްދަރުތަކާ ގުޅުވައިދޭ 'ވިމަން ކޯކަސް'  ޕްރޮގްރާމެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަން އިއުލާނުކުރައްވާފައެވެ.

އިޤްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި ގުޅޭގޮތުން ވަޒީރު ވަނީ، އަންހެން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި ތަމްރީނު ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ ލޯނު ސްކީމާއި، އަންހެނުންނަށް ޚާއްސަ ލީސިންގ ފެސިލިޓީގެ މައުލޫމާތު އެކަމަނާ ހިއްސާކުރެއްވިއެވެ.

އެގޮތުން، 2026 ގެ އެޕްރީލްމަހުގެ ނިޔަލަށް 82 އަންހެން ވިޔަފާރިވެރިންނަށް 17.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ އިޤްތިސާދީ ހާލަތު ދެނެގަތުމަށް  އަތޮޅުތަކުގެ 275 އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނާ މަޝްވަރާކުރައްވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ޤީލާ ވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ނައްތާލުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ. 

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ވަޞީލަތްތަކާއި މުޢައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގައި ގޮންޖެހުންތައް ހުރިކަން ޤަބޫލުކުރައްވާ ކަމަށާއި، މި ގޮންޖެހުންތަކުން އަރައިގަތުމަށް އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުން މުހިންމުކަމަށް ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450