ޚަބަރު
ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ އަމީރު، އެމްޑީޕީން އުޅެނީ ސިޔާސީ މަންފާ ހޯދަން: މިނިސްޓަރު ސައީދު
މިނިސްޓަރު ސައީދު - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، ރާއްޖެ މިއަދު އޮތް ދަތި ހާލަތަށް ވައްޓާލުމުގެ މޭސްތިރިއަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވަނީ ކުރީގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އަމީރު ނޫން ކަމަށެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރެކޯޑްތަކަށް ބަލާލުމުން، އަމީރު ކިތައް ފަހަރު ކޮމިޓީތަކަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިގެން ދިޔައިރު، އަމީރު ނިސްބަތްވާ ޕާޓީގެ މެމްބަރުންވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިކަން ސައީދު ފާހަގަކުރެއްވިއެވެ.
މިގޮތުން، މިހާރު އެމްޑީޕީގެ ޕެނަލްތަކުގައި ތިއްބަވައިގެން ވާހަކަދައްކަވާ ބޭފުޅުންނަކީ އޭރު އަމީރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން ކަމަށް ސައީދު ވިދާޅުވިއެވެ.
"އޭރު އަޑަށް ބާރުލާފައި އިލްޔާސް ލަބީބު ވިދާޅުވަމުން ދިޔައީ އަމީރުއޭ ތިޔަހެން ނުހައްދަވާށޭ، ތިހާވަރަށް ފައިސާ ޗާޕް ކުރީމާ ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ނިކަމެތިވާނޭ،"
ސައީދު ވިދާޅުވިއެވެ.
ފައިސާ ޗާޕްކުރުމުން ދިމާވާނެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށް އޭރު އިލްޔާސް ލަބީބު އިންޒާރު ދެއްވި ނަމަވެސް، މިއަދު އެ ބޭފުޅުން އެކުގައި ތިއްބަވައިގެން ދައްކަވާ ވާހަކަ ގަބޫލުކުރަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ، ފައިސާ ޗާޕްކުރާތީ ކަންބޮޑުވެގެން އޭނާ އަމިއްލަފުޅަށް ސިޓީ ފޮނުއްވައި، އެކަމުގެ ހާލަތާ ބެހޭގޮތުން ސުވާލު އުފެއްދެވި ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީގައި އޭރުގެ ގަވަރުނަރު އަލީ ހާޝިމާ ސުވާލުކުރުމުންވެސް، ފައިސާ ޗާޕްކުރަންޖެހޭ މަޖުބޫރު ސަބަބަކާ ގުޅޭގޮތުން އެކަށީގެންވާ ޖަވާބެއް ދެއްވިފައި ނުވާކަން ސައީދު ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ، އެ ބޭފުޅުންނަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ފެނިގެންދިޔައީ ހަމައެކަނި ޓޫރިޒަމް ސިނާއަތަށް ބަރޯސާވެގެން ތިބި މަންޒަރު ކަމަށެވެ. އިގްތިސާދު ކުރިއަރުވަން އިތުރު ކަމެއް އެ ބޭފުޅުންނަށް ކުރެވިފައި ނުވާ ކަމަށާއި، އަމީރުގެ ދައުރުގައި ފެނިގެންދިޔައީ ހަމައެކަނި ހަރަދު ބޮޑުކުރުމާއި ފައިސާ ޗާޕްކުރުމުގެ "ހިސްޓޯރިކަލް އެޗީވްމެންޓެއް" ކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަވާލުވިއިރު، ވާރުތަވީ ނުރައްކާތެރި ދަރަނިތަކެއް ކަމަށާއި، އެ ދަރަނިން ގައުމު ސަލާމަތްކުރުމަށް ފާއިތުވި ދެ އަހަރު ތެރޭގައި ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ތާރީޚުގައިވެސް އެއްވެސް ސަރުކާރަކުން ކުރަން ނުކެރުނު ފޮރެކްސް ގާނޫނު ވުޖޫދުކުރުމަކީ މި ސަރުކާރުން އިގްތިސާދު ސަލާމަތްކުރަން އެޅި މުހިންމު ފިޔަވަޅެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
"އެމްޑީޕީން މިއުޅެނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާކަށް ނޫން، އެ ބޭފުޅުން މިއުޅެނީ ސިޔާސީ މަންފާއެއް ހޯދަން،"
ސައީދު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ހުވާކުރެއްވި ދުވަހުން ފެށިގެން، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރުމަކީ އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.