ޚަބަރު
ތިން އިސްލާހަކާއެކު ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލް އަލުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ތަސްދީޤުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުއްވުމުން، އެ ބިލުގައި ހުރި ބައެއް ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައި، އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވި ބިލު، މައިގަނޑު ތިން އިސްލާހަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު އަލުން ފާސްކޮށްފިއެވެ.
މި ބިލު އަލުން ފާސްކޮށްފައިވަނީ އިޖުތިމާޢީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ބިލަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ، ކުރިން ބިލުގެ 7 ވަނަ މާއްދާއިން އުނިކޮށްފައިވާ ދެ އަކުރެއް އަލުން އިތުރުކުރުމެވެ. އެގޮތުން ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން މިހާރު ވަނީ ބިލުގައި ހިމަނާފައެވެ.
މި ބިލު އަނބުރާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ، ޚާއްސަ ހާލަތެއްގައި ތިބޭ މީހުން ކަމަށްވާތީ، އެފަދަ މީހުންނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަނެއް ހަދިޔާކުރަން ރުހުން ދެވިދާނެ ފަދަ ބައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިތުރު އުސޫލުތަކެއް ނެތި އެ ފުރުސަތު ދިނުމަކީ ޤާނޫނު ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމިޓީ މަރުހަލާގައި ގެނައި އިތުރު އިސްލާޙުތަކުގެ ތެރޭގައި، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމާއި ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓް ކޮށްފި ހާލަތެއްގައި، އަދަބެއްގެ ގޮތުގައި ޤިސާސް ހިފުމާއި ގުނަވަނަށް ދިޔަ ދިނުމަށް ކަނޑައަޅާފައިވާ ބައި ވަނީ އުނިކޮށްފައެވެ. އޭގެ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 150,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މި ޤާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފައްދަން ޖެހޭނެ ކަމަށްވެސް މިހާރު ފާސްކުރި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލު ދެން ފޮނުވޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށެވެ.