ޚަބަރު
ހުޅުމާލޭގައި ހަދާ ކަންނެލި ފެކްޓްރީގެ މަސައްކަތް މިދިޔަ ހަފްތާ ބަޔަކާ ހަވާލުކޮށްފި: ވަޒީރު ޝިޔާމް
ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް. ފޮޓޯ: މަޖިލިސް
ހުޅުމާލޭގައި ހަދާ ކަންނެލި ފެކްޓްރީގެ މަސައްކަތް މިދިޔަ ހަފްތާ ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މި ގޮތަށް ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހުޅުމާލޭ ކަންނެލި ފެކްޓްރީގެ މަސައްކަތް ފެށިގެންދާނެ ތާރީޚު އޮޅުންފިލުއްވުމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓްރިއެއް ގާއިމުކުރުމަށްޓަކައި މިދިޔަ ހަފްތާ ބަޔަކާ ހަވާލުކުރައްވާފައިވާކަމަށެވެ.
އަޅުގަނޑުމެން މި ބަލަނީ ފެކްޓްރީގެ ކަންނެލި މަސްވެރިންނަށް ހައްލު ހޯދައިދިނުމަށް ޓަކައި ގާއިމުކުރެވޭ ފެކްޓްރީގެ އެބައި ކުރިޔަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް.
ވަޒީރު ވިދާޅުވިއެވެ.
އަދި މިއީ، ކަންނެލި މަސްވެރިން ސަރުކާރުގަ އެދެމުން އަންނަ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ ރައީސްގެ ވައުދުފުޅަކާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.
އަދި މިފްކޯއިން މިދިޔަ އަހަރު ކަންނެލި މަސްވެރިކަމުގެ ތެރެޔަށް ވަދެފައިވާކަން ވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ކުންފުނިން 10 ކިލޯ އާއި 15 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގައި، އަދި ވަކިން ޚާއްޞަކޮށް ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް، ސީދާ އެ ރިސޯޓުތަކަށް މަސް ވިއްކުމަށް ގޮންޖެހުންތައް ހުންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.