ޚަބަރު
ޚަރަދު ކުޑަކުރުމަށް މި އަހަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަން ނިންމަވައިފި
ރައީސް އޮފީސް. ފޮޓޯ: އިންޓަނެޓް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބައްވަވާ ރަސްމީ މައްދަލުކުރެއްވުން މި އަހަރު ވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމަވާފައިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށްޓަކައި އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އެހެން ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޮންނާނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގެ ހެނދުނު 09:00 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާތަބުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުގައި 78 އަހަރު އޮތުމަށްފަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެންދިޔަ އެއްބަސްވުމުގައި ސޮއި ކުރެވުނީ 1965 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ.
އޭގެ ފަހުން ރާއްޖޭގައި ކޮންމެ އަހަރަކު ކުލަގަދަކޮށް މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، މި އަހަރު ފާހަގަކުރެވިގެންދަނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 ވަނަ އަހަރެވެ.