ޚަބަރު
ދަނޑުވެރި މަންފާ ގްރާންޓް ސްކީމުގެ މައުލޫމާތު ސެޝަންތައް އުތުރުގައި ބާއްވަނީ
ސެޝަންގެ ތެރެއިން. ފޮޓޯ: ވުޒާރާ
މޯލްޑިވެސް އެގްރިބިޒްނެސް ޕްރޮގްރާމް(މެޕް) އިން، އެސްއެމްއީ ޑިޖިޓަލް އާއި ގުޅިގެން ހުޅުވާލި ދަނޑުވެރި މަންފާ ގްރާންޓް ސްކީމްގެ މައުލޫމާތު ދިނުމުގެ ސިލްސިލާއެއް އުތުރުގައި ފަށައިފިއެވެ.
ހއ، ހދ އަދި ށ އަތޮޅަށް އަމާޒުކޮށް ހުޅުވާލި މި ގްރާންޓް ސްކީމަކީ، ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި، އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުފެއްދެވި ޕްރޮގްރާމެކެވެ.
މި ތިން އަތޮޅުގައި މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށްދާއިރު، މެޕް ޕޮރޮޖެކްޓްގެ ޓީމާއިއެކު، އެސްއެމްއީ ޑިޖިޓަލްގެ ޓީމު ވެސް މި ސެޝަންތަކުގައި ބައިވެރިވެއެވެ.
ށަވިޔަނި އަތޮޅުގައި ބޭއްވި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ އަތޮޅު ގޮއިދޫގައެވެ. ހދ އަތޮޅުގެ ސެޝަން އެ އަތޮޅު ވައިކަރަދޫގައި ކުރިޔަށް ގެންދިޔައިރު، ހއ އަތޮޅުގެ ސެޝަން ކުރިއަށް ގެންދަނީ ހދ. ހަނިމާދޫގައެވެ. އަދި މި ސެޝަންތަކުގައި ރަށްތަކުގެ ފޯކަލްޕޮއިންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތައް ބައިވެރިވަފައިވެއެވެ. ކޮންމެ ސެޝަނެއްގައި ވަނީ 30 އާއި 25 އާއި ދެމެދުގެ މީހުން ބައިވެރިވެފައި ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން އިތުރަށް ބުނީ، މެޕް ޕްރޮޖެކްޓްގެ ފާރާތުން ވަނީ އުތުރުގެ ތިން އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތައާރަފްކޮށް، 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމްކޮށްފައި ކަމަށެވެ.
އަދި އެ ގްރީން ހައުސްތަކުން އެރަށްތަކުގެ ދަނޑުވެރިން އަންނަނީ ތަކެތި ހައްދައި، ކާމިޔާބުކަމާއިއެކު ބާޒާރަށް ނެރެމުންކަމަށް ވެސް ވުޒާރާއިން ބުނެއެވެ.