ޚަބަރު
ބަނގުރާ ގެންގުޅުނު ކަމުގެ މައްސަލައެއްގައި މާލޭން ދެ ބިދޭސީން ހައްޔަރުކޮށްފި
މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުން. ފޮޓޯ: ފުލުހުން
ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
މި ދެ މީހުންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މައްސަލައިގައި ހައްޔަރުކުރެވުނީ:
- އެމްޑީ ސިއަމް އަހްމަދް (21އ)
- ރޮބެލް މިއަހް (35އ)
މި މީހުން ހައްޔަރުކުރެވުނީ، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓްއިން ގުޅިގެން ޖުލައި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެ އޮޕްރޭޝަނުގެ ތެރެއިން އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 12 ބަނގުރާ ފުޅި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، މިހާރު އެ ދެމީހުން ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.