ޚަބަރު
ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ބާއްވާ "މިނިވަން ރަން" އިފްތިތާހުކޮށްފި
"މިނިވަން ރަން" އިފްތިތާހު ކުރުން - ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ ފޮޓޯ:
މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިނިވަން ރަން އިފްތިތާޙްކުރުމަށްޓަކައި އެ ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ.
ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން އިންތިޒާމުކުރުމަށްޓަކައި، އިޖުތިމާއީ ދުވުންތައް ކުރިއަރުވާ ކުންފުންޏެއް ކަމަށްވާ "ވީރަން މޯލްޑިވްސް" އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު މުނާޒެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ހައްވާ ނީލާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވީރަން މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރު ހުސައިން ޒިނާން ވިދާޅުވީ، މިއަހަރު "ވީރަން" އެޕްލިކޭޝަން ތައާރަފުކޮށް ހަރަކާތްތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅުނުއިރު، މިނިވަން ދުވަހާ ގުޅުވައިގެން މިފަދަ ސޯޝަލް ރަންއެއް ބޭއްވުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ. އަދި ސަރުކާރާ މަޝްވަރާކުރުމުން އެ ފުރުސަތު މިއަދު ފަހިވެގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒިނާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި އެއްފަހަރާ މި ދުވުން ކުރިއަށް ގެންދިއުމެވެ. ނަމަވެސް، މިވަގުތުގެ އިންތިޒާމުތައް ހުރިގޮތުން މިއަހަރުގެ ދުވުން ހުޅުމާލޭގައި ބާއްވަން ނިންމާފައިވަނީ 2000 ދުވުންތެރިންނަށް ހުޅުވާލައިގެންނެވެ. 5 ކިލޯމީޓަރުގެ މި ދުވުމަކީ ދުވެފައި ނުވަތަ ހިނގާފައިވެސް ނިންމާލެވޭނެ ހަރަކާތެކެވެ.
މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ވީރަން" އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް އެޕް ސްޓޯރުންވެސް ލިބޭނެއެވެ. ޒިނާން ވިދާޅުވި ގޮތުގައި އެޕް މެދުވެރިކޮށް އެންމެ "ކްލިކް" އަކުން ދުވުމުގައި ބައިވެރިވެވޭނެއެވެ. އަދި 2000 ބައިވެރިން ހަމަވުމާއެކު ރަޖިސްޓްރޭޝަން ބަންދުވާނެއެވެ.
"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބް ޖަމްޢިއްޔާތަކާއި، އަދި ވަކިވަކި ފަރުދުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މިނިވަން ދުވަހުގެ ރޫހާއި ގައުމީ އެކުވެރިކަން އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގުސަދުގައި ބާއްވާ މުހިންމު ހަރަކާތެކެވެ. ވީރަން މޯލްޑިވްސްއަކީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކާމިޔާބުކަމާއެކު ދުވުމުގެ ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ޖަމްއިއްޔާއެކެވެ.