ޚަބަރު
"ބަތާހަރާމީވީ ރައީސް ޔާމީން، އިތުރުފުޅު ނުހައްދަވާ" – ޝުޖާއު
އެމްޕީ ޝުޖާއު - ފޮޓޯ: އެމްވީ ޕްލަސް
ޕީޕީއެމްގެ ލީޑަރޝިޕާއި އެ ޕާޓީގެ އާންމު މެމްބަރުންނަށް "ހަރާންކޯރުވެ" ބަތާހަރާމީވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ޕީޕީއެމް ދޫކޮށްލަން ޖެހުނު ސަބަބާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޔާމީން ދާދިފަހުން ވިދާޅުވެފައިވަނީ ޖަލުން މިނިވަންވެ ވަޑައިގެން ޕީޕީއެމް އޮފީހުގައި ސިޔާސީ މަސައްކަތް ފެއްޓެވުމުން، އެކަން ބަޔަކަށް "ހަޖަމު ނުކުރެވުނީ" ކަމަށެވެ. އަދި މުޙައްމަދު މަލީހު ޖަމާލު ވަގުތީ ގޮތުން އެސްޖީއަކަށް އައްޔަން ކުރެއްވުމުން ޕާޓީގެ ތެރެއިން ހުރަސްތަކެއް ކުރިމަތިވި ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ޕާޓީ ދޫކޮށް ވަޑައިގެންނެވީ ސީދާ ރައީސް ޔާމީން ކަމަށާއި، އެއީ ޕާޓީގެ މެމްބަރުންނަށް ވީ "ހަރާންކޯރުވުމެއް" ކަމަށެވެ. އަދި މަލީހު ޖަމާލު މެދުވެރިކޮށް ހިންގި ކަންކަމަކީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ޚިލާފަށް ހިންގި ކަންކަން ކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.
"މޮޅު ވާހަކަ ނުދައްކަވާ! ތިދައްކަވާ ވާހަކަ ތަކަށް އަޅުގަނޑުމެން ޖަވާބު ތެދުބަހުން ދައްކަން ފެށީމާ މަނިކުފާނު ލޭމައްޗަށް ދާނެތީ ނުދައްކަން މިތިބީ،"
ޝުޖާއު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޚްތިރާމް ކުރަން ވިދާޅުވެފައި އޮތުމުން ކެތްކޮށްގެން ތިބީ ކަމަށާއި، ނަމަވެސް މާ ގިނައިން އިތުރުފުޅު ހައްދަވާތީ ހަގީގަތް ހާމަކުރަން ޖެހުނީ ކަމަށެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، މުޙައްމަދު މަލީހު ޖަމާލު މެދުވެރިކޮށް ރައީސް ޔާމީން ކަންތައްތައް ހިންގުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ މުޅިން ޚިލާފަށެވެ. އެހެންކަމުން، ޕާޓީގެ ތެރޭގައި ފިތުނަ އުފައްދައި، އަމިއްލަފުޅަށް ޕާޓީ ދޫކޮށް ވަޑައިގަތުމަށްފަހު މިހާރު ދައްކަވަނީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީންގެ ސިޔާސީ ނުފޫޒު ކުޑަވަމުންދާކަން ފާހަގަކުރައްވަމުން ގިނަ ބަޔަކު ބުނަމުންދަނީ، އެމަނިކުފާނު މިހާރު ބާއްވަވާ "ސިޓީން ރޫމް" ޖަލްސާތަކަށް ހާޒިރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މަދުވަމުންދާ ކަމަށެވެ. މިގޮތުން ބައެއް ރޭރޭ ބާއްވާ ބައްދަލުވުންތަކުގައި 40 މީހުންވެސް ހަމަނުވާކަން ފާހަގަކޮށް، އާންމުން ދަނީ އެމަނިކުފާނަށް އޮތް ތާއީދު މުޅިން ކެނޑިފައިވާ ކަމަށް ބުނަމުންނެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައީސް ޔާމީނަށް އެކަށީގެންވާ އިޚްތިރާމް އަދާކުރަމުންދާއިރު، އެމަނިކުފާނު ގެންދަވަނީ ސަރުކާރާއި ޕީއެންސީގެ ލީޑަރޝިޕް ބަދުނާމުކޮށް، ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުން ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.