Ads by Farudhun

ޚަބަރު

އުސްގެކޮޅު ވީރާނާވެ ހަލާކުވަނީ: މާލެ ސިޓީ ކައުންސިލްގެ އިހުމާލުން ތާރީޚީ ބިނާއަށް ބޮޑެތި ގެއްލުންތަކެއް

އުސްގެކޮޅު ވީރާނާވެ ހަލާކުވަނީ: މާލެ ސިޓީ ކައުންސިލްގެ އިހުމާލުން ތާރީޚީ ބިނާއަށް ބޮޑެތި ގެއްލުންތަކެއް

އުސްގެކޮޅު - ފޮޓޯ: ފަރުދުން

farudhun logo

ފަރުދުން

14 ޖުލައި 2026، 08:27

14 ޖުލައި 2026، 08:27

ދިވެހިރާއްޖޭގެ ތާރީޚީ ބިނާތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ބިނާ ކަމުގައިވާ "އުސްގެކޮޅު" ބެލެހެއްޓުމުގައި މާލެ ސިޓީ ކައުންސިލުން ބޮޑެތި އިހުމާލުތަކެއް ވަމުންދާކަން ހާމަވެއްޖެއެވެ.

މިކަމުގެ ސަބަބުން މި އާސާރީ ބިނާ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ވީރާނާވާން ދޫކޮށްލެވިފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މި އިމާރާތުގެ މިހާރުގެ ހާލަތަށް ބަލާއިރު، އިމާރާތުގެ އެތެރޭގެ ފާރުތަކުގައި ސްޕްރޭއިން ތަފާތު ކުރެހުންތައް ކުރަހައި، ތަނުގެ އަސްލު ވަނީ ގެއްލުވާލާފައެވެ. އަދި މުޅި ތަނުގައި ކުނި ގިނަވެ، ފާރުތަކުން ކުލަ ފައިބައި، އިމާރާތް ވަނީ އިންތިހާއަށް ބާވެފައެވެ. އެންމެ ހިތާމަވެރި ކަމަކީ، ބަޔަކު އެތަނުގެ ތެރެއަށް ބޮޑުކަމުގޮސް، ނަޖިސްކޮށްފައިވާކަން ފާހަގަކުރެވުމެވެ.

އުސްގެކޮޅުގެ ސަލާމަތީ ކަންކަން ހުރި ގޮތަށް ބަލާއިރު، އިމާރާތުގެ ކުޑަދޮރުތައް ހުރީ ހުޅުވާލާފައެވެ. އަދި ބޮޑު ދޮރުގައި އެއްވެސް ތަޅެއް ނެތުމުގެ ސަބަބުން، އަތް ޖައްސާލާ އިރަށް ދޮރު ހުޅުވި، ކޮންމެ ވަގުތަކު ކޮންމެ މީހަކަށްވެސް އެތަނަށް ވަދެވޭ ހާލަތުގައި ވަނީ ދޫކޮށްލާފައެވެ. މީގެ ކުރިންވެސް އެތަނަށް ގެއްލުންދޭ މައްސަލަ މީޑިއާތަކުން ފާހަގަކޮށް، ސަމާލުކަމަށް ގެނައުމުންވެސް ކައުންސިލުން އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އުސްގެކޮޅު ތަރައްޤީކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އެތަން މިނިސްޓްރީއާ ހަވާލުކުރުމަށް އެދި މާލެ ސިޓީ ކައުންސިލަށް ރަސްމީކޮށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށްވެސް ކައުންސިލުން އެތަން ހަވާލުކޮށްފައި ނުވާތީ، ތަނަށް ލިބެމުންދާ ގެއްލުންތައް އިތުރުވަމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

އުސްގެކޮޅަކީ 1893 އާއި 1903 އާ ދެމެދު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަދުވަސްވީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައެވެ. މިފަދަ ތާރީޚީ ބިނާއެއް މިފަދަ ނިކަމެތި ހާލަތެއްގައި އޮތުމަކީ ދިވެހި ތަރިކައަށް ލިބޭ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450