ޚަބަރު
އެމްޑީޕީގެ ލީޑަރޝިޕުން މުންޑު ބޮލުގައި އަޅައިގެން ދިއުން ކިހިނެއްވާނެތޯ - ޝުޖާއު
އެމްޕީ ޝުޖާއު - ފޮޓޯ: މަޖިލީސް
މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ ބޭރުމަގަށް ގެނައި ބަދަލުތަކާއެކު، އެ ސަރަހައްދުގެ ތޮށްޖެހުން ކުޑަވެފައިވާތީ، އިދިކޮޅު އެމްޑީޕީގެ ލީޑަރޝިޕަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޭރުމަގުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ވިދާޅުވީ، މިހާރު އެސަރަހައްދު ފެންނަ ގޮތުން "އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުން މުންޑު ބޮލުގައި އަޅައިގެން ދިއުން ކިހިނެއްތޯ ވާނީ؟" މިފަދައިން ސުވާލު ކުރައްވާފައެވެ. ޝުޖާއު މިހެން ވިދާޅުވީ އެތައް އަހަރެއް ވަންދެން ހައްލު ނުވެ އޮތް ބާޒާރުމަތީގެ ބޭރުމަގުގެ މައްސަލަ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކާމިޔާބުކަމާއެކު ހައްލުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
މިމަގުން MDP ލީޑަރޝިޕް ބޭފުޅުން މުންޑު ބޮލުގަ އަޅާގެން ދިއުން ކިހިނެތްތޯ ވާނީ؟ pic.twitter.com/4N8qAIC84i
— Ibrahim Shujau (@IbrahimShujaau) July 14, 2026
މާލޭގެ ބޭރުމަގަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުން ފެށިގެން، އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުންވެސް ހައްލުކުރަން އުޅެ، އެކަމުގައި ނާކާމިޔާބުވެފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދަކީ މާލޭގެ އެންމެ ހަލަބޮލި އެއް ސަރަހައްދަށް ވުމުން، ކުރިން އެތަން އޮތީ ވަރަށް ބޮޑަށް ތޮށްޖެހި، ސާފުތާހިރުކަން ކުޑަވެފައެވެ.
ނަމަވެސް، މި ސަރުކާރުން ބާޒާރުމަތީގެ މަގު ފުޅާކޮށް، ތޮށްޖެހުން ކުޑަކުރުމަށް ފެށި މަސައްކަތުގެ ދަށުން މިހާރު އެ ސަރަހައްދުގެ މޫނުމަތި ވަނީ މުޅިން ބަދަލުވެފައެވެ. އުޅަނދުތައް ދުއްވުމަށް އޮތް ބާރުބޮޑުވުން ކުޑަވެ، މުޅި ސަރަހައްދު ވަނީ ސާފުތާހިރުވެފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަގުގެ މަސައްކަތް އެއްކޮށް ނިމި ހުޅުވުމުން، ދޯނިފަހަރު ލަފާފުރުމަށާއި މުދާ އެރުވުމާއި ބޭލުމަށް މިހާރަށްވުރެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި ބަދަލާ ގުޅިގެން ބާޒާރުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ބޯޓުފަހަރުގައި އުޅޭ މީހުންނާއި، ޓެކްސީ ޑްރައިވަރުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މިއީ ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދިޔަ، ހިތްގައިމު ބަދަލެކެވެ.