ޚަބަރު
ހުޅުމާލޭގައި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި
ހަރަކާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ހުޅުމާލޭގައި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހަރަކާތަކާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ އާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
އިއްޔަ ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައި ކުރިއަށްގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި އެޗްޑީސީ ގެ އިސްވެރިންނާއި، ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
5 މިލއިަން ގަސް އިންދުމުގެ މަޝްރުޢޫ، ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ އަދި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ދިވެހި ބޭސްވެރިކަމާއި ގުޅުންހުރި ގަސް އިންދުމުގެ ހަރަކާތެއް މިއަދު ހިޔާ ޕާކު ސަރަޙައްދުގައި ހިންގިފައިވާނެއެވެ.@hdcmaldives pic.twitter.com/hUa6W5aiie
— Min. of Climate Change, Environment and Energy, MV (@MoEnvmv) July 14, 2026
މި ހަރަކާތުގެ މައިގަނޑު މަގުސަދަކަށްވެފައިވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރުޢޫއަށް އެއްބާރުލުން ދިނުމާއި އަދި، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، އެފަދަ ގަސްތައް ދިރުވައި އާލާކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސްތައް މި ހަރަކާތުގެ ދަށުން އިންދާފައިވާއިރު، މިއީ، ރާއްޖޭގެ ތިމާވެށި ފެހިކުރުމަށާއި، ދިވެހިވަންތަ މަސައްކަތްތަކަށް ބޭނުންވާ ބާވަތްތައް ރާއްޖެއިން ލިބިގެންދާނެ މަގު ފަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވީ، މި މަޝްރުޢޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދިޔަ މުހިންމު ކަމެއް ކަމަށެވެ.