ޚަބަރު
ދެ ރަށެއްގައި އަޅާ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތް އަންނަ އަހަރަށް ނިންމަނީ
ފުނަދޫގައި އަޅާ އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތްް އެމްޓީސީސީއާއި ހަވާލުކުރުން. ފޮޓޯ: އެމްޓީސީސީ
ށ. ފުނަދޫ އާއި ކ. ތުލުސްދޫގައި އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއީ ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސިއްޙަތާއި ޢާއިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ސޯޝަލް ޕޮލިސީ ދިފްލާ ރައުފް ވިދާޅުވީ، ށ. ފުނަދޫގައި ޤާއިމުކުރާ އިސްރަށްވެހީންގެ ހިޔާވަހީގެ މަސައްކަތް މިދިޔަ ޖޫން މަހު އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެ ރަށުގައި ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކ. ތުލުސްދޫގެ މަޝްރޫޢާ ގުޅޭގޮތުން ދިފްލާ ވިދާޅުވީ، އެ ރަށުގެ މަސައްކަތް އެމްޓީސީސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. "މި މަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ޙަވާލުކުރެވޭނެ. އަމާޒަކީ ފުނަދޫއާއި ތުލުސްދޫގެ މަސައްކަތް މިއަންނަ އަހަރުގެ ނިޔަލަށް ނިންމާލުން،" ދިފްލާ ވިދާޅުވިއެވެ.
ފުނަދޫގައި ބިނާކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ މަޝްރޫޢަކީ 37.46 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 40 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރެވޭނެއެވެ. މި އިމާރާތުގައި ޞިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި، ޒަރޫރީ ޚިދުމަތްތަކަށް ބޭނުންވާ ތަންތަނުގެ އިތުރުން ރެކްރިއޭޝަން ހަރަކާތްތަކަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޢުމުރުން ދުވަސްވީ މީހުންނަށް ފަރުވާދޭ "އޭޖެންޑް ކެއަރ ސެންޓަރު" ތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމާއި، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
މި މަރުކަޒުތައް ފަރުމާކޮށްފައިވަނީ މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭ ގޮތަށެވެ. މިއީ ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.