Ads by Farudhun

ޚަބަރު

އައްޑޫ ސިޓީ ލިންކްރޯޑު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ މަގުގެ އެއްފަޅި ބޭނުންކުރެވޭގޮތައް

އައްޑޫ ސިޓީ ލިންކްރޯޑު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ މަގުގެ އެއްފަޅި ބޭނުންކުރެވޭގޮތައް

އައްޑޫ ލިންކް ރޯޑް ހެދުމުގެ މަސައްކަތް. ފޮޓޯ: އާރްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2026، 11:08

15 ޖުލައި 2026، 11:08

އައްޑޫ ސިޓީ ލިންކްރޯޑު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ މަގު އެއްކޮށް ބަންދު ނުކޮށް، އެއް ފަޅި ބޭނުން ކުރެވޭ ގޮތަށް ކަމަށް, ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖީލީހުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު ޢަޙްމަދު އަޒާން މަރުޒޫޤް، އެ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

 

މަގު ބަންދުނުކޮށް މަސައްކަތް ކުރިއަށްގެންދިއުން

ވަޒީރު ވިދާޅުވީ އައްޑޫ ލިންކް ރޯޑަކީ ވަރަށް ކާރުބާރު ބޮޑު އަދި އެހެން ޑައިވާޝަން މަގެއް ނެތް ސަރަހައްދުތައް ހިމެނޭ މަގަކަށް ވާތީ، މަގު އެއްކޮށް ބަންދުކޮށްގެން މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މަގުގެ އެއްފަރާތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އަނެއް ފަރާތުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު ބައެއް ސަރަހައްދުތަކުގައި ދެ ލޭންގެ މަގެއް އެއީ. ހަތަރު ލޭނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އެހެންވީމަ އެ މަގު ހަދާއިރު ވިސްނާލަން ޖެހޭނެ އެއް ފަރާތް ހަދާފައި ހުޅުވާފައި އަނެއް ފަރާތް ހެދުމުގެ ކަންކަން،" ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން އެންމެ އިސްކަމެއް ދޭނީ ކެރޭޖްވޭގެ މަސައްކަތްތައް ނިންމުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

މަޝްރޫޢުގެ ތަފްސީލު

ދައުލަތުގެ ބަޖެޓުން 829 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ.

މި މަސައްކަތް ކުރިއަށްދަނީ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ހިމެނޭ ގޮތަށް މުޅި އައްޑޫ ސިޓީގައެވެ. މަސައްކަތަށް ބޭނުންވާ ބޮޑެތި އުޅަނދުތަކާއި ސާމާނު މިދިޔަ މެއި މަހު ވަނީ އައްޑޫއަށް ގެންގޮސްފައެވެ. މަޝްރޫޢުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި 40 މިލިމީޓަރުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

 

ރައްޔިތުންގެ ކަންބޮޑުވުން

2003 ވަނަ އަހަރު ބޭނުންކުރަން ފެށި އައްޑޫ ލިންކް ރޯޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން، ވޭތުވެދިޔަ އަހަރުތަކުގައި ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގައި، ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި މަގު އަލުން ތަރައްޤީކުރުމަކީ އައްޑޫގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދަކާ ގުޅިފައިވާ، އަދި ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫޢެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450