ޚަބަރު
ޖޭއެސްސީއަށް ރާއްޖޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭގޮތް ހަދައިފި
ޖޭއެސްސީގެ އޮފީސް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރާއްޖޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުން މަޤާމުން ވަކިކުރެވޭގޮތަށް ހަމަޖައްސައި، އެކަމާ ގުޅޭ އައު ޤަވާއިދު އާންމުކޮށްފިއެވެ.
މިއީ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ކޮމިޝަނުން އެޅި މުހިންމު ފިޔަވަޅެކެވެ.
ޖޭއެސްސީއަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ރާއްޖޭގެ އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާއެވެ. މީގެ އިތުރުން ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ ފަރާތްތައް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީވެސް އެ ކޮމިޝަނުގެ ޤާނޫނީ ޒިންމާއެކެވެ.
އައު ޤަވާއިދުގެ ތަފްސީލު
މީގެ ކުރިން ޖޭއެސްސީން އެކުލަވާލާފައިވާ ޤަވާއިދުތަކުގައި ފަނޑިޔާރުން ވަކިކުރުމާ ގުޅޭ ތަފްސީލީ ބައިތަކެއް ހިމަނާފައެއް ނުވެއެވެ. ނަމަވެސް، "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" މިހާރު ވަނީ އާންމުކޮށްފައެވެ. މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޯޓެއްގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ކޯޓެއްގެ އިސް ފަނޑިޔާރު މަޤާމުން ދުރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެނިއްޖެ ހާލަތެއްގައި، އެ ބާރު މިހާރު ޖޭއެސްސީއަށް ލިބިގެންވެއެވެ.
އިސް ފަނޑިޔާރުން އައްޔަންކުރުމުގައި ބަލާނެ މިންގަނޑުތައްވެސް މި ޤަވާއިދުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފަރާތެއްގެ ތަޢުލީމާއި، ތަޖުރިބާ، އަޚްލާޤް އަދި ޤާބިލުކަމަށް ބެލުމަށްފަހު، އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށީގެންވާ ފަރާތެއް އައްޔަންކުރާނީ ޖޭއެސްސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މީގެ އިތުރުން، މަޤާމަށް ހުޅުވާލުމާއި އިންޓަވިއު މަރުހަލާގެ ތަފްސީލުތައްވެސް މި ޤަވާއިދުގައި ހިމެނެއެވެ.
އިސް ފަނޑިޔާރުންގެ ގޮތުގައި ބެލެވޭ ފަރާތްތައް
މި ޤަވާއިދުގެ ދަށުން އިސް ފަނޑިޔާރުންގެ ގޮތުގައި ބެލެވޭނީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި، ސުޕީރިއާ ކޯޓުތަކުގެ އިސް ޤާޟީންގެ އިތުރުން ޖުޑީޝަލް ދާއިރާތަކަށް އައްޔަން ކުރާ އިސް މެޖިސްޓްރޭޓުންނެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން މީގެ ކުރިންވެސް ޖޭއެސްސީން ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، އިސް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމުގެ ބައި ޤަވާއިދުގައި ކުރިން ހިމަނާފައި ނުވާތީ، އެފަދަ ފިޔަވަޅެއް މީގެ ކުރިން އެއްވެސް ފަނޑިޔާރަކާމެދު އަޅާފައެއް ނުވެއެވެ. މި އައު ބަދަލާއެކު ޝަރުޢީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.