Ads by Farudhun

ޚަބަރު / ވިޔަފާރި

ޒުވާނުންނަށް ޚާއްޞަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތަޢާރަފުކޮށްފި

ޒުވާނުންނަށް ޚާއްޞަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތަޢާރަފުކޮށްފި

ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު ޝަރީފް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2026، 12:28

15 ޖުލައި 2026، 12:28

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

މިއަދު ފެށި "ޔޫތު އެންޓްރަޕްރަނަރސް އެކްސްޕޯ" ގައި މި ފައިނޭންސިންގ ފެސިލިޓީ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ގޮތަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މިއީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.

ލޯނުގެ ޝަރުތުތަކާއި ލިބޭނެ ލުއިތައް
ބީއެމްއެލްއިން ބުނި ގޮތުގައި އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމައި، އަވަސްކަމާއެކު ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެއެވެ. ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ފެސިލިޓީ އިފްތިތާހުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިޔަން ރުފިޔާގެ ފައިނޭންސިންގ ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށް އެހީތެރިވެދޭނެ" ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބަދުރުއްދީން ޙަސަން ފާހަގަކުރެއްވި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ކުރާ މި މަސައްކަތަކީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި، އައު ޖީލުގެ ވިޔަފާރިވެރިން އިތުބާރާއެކު އެމީހުންގެ ވިޔަފާރީގެ ދަތުރު ފެށުމަށް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މި ފައިނޭންސިންގ އަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި މުހިންމު ފުރުސަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450