ޚަބަރު
ގުޅިފަޅުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ދޫކުރަން ފަށައިފި
ގުޅިފަޅު. ފޮޓޯ: އިންޓަނެޓް
ގުޅިފަޅުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ބިން ހަވާލު ކުރިކަމުގެ ލިޔުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ދޫކުރަން ފަށާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ސްކީމްގެ ދަށުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެންބަރުގެ ތެރޭގައި ފަށާފައިވީއިރު، މީގެ ކުރިން ގޯތި ހަވާލުކުރުމުގެ ލިޔުން ދޫކުރަމުންދިޔައީ ގުޅިފަޅަށް ގޮސްގެނެވެ. ނަމަވެސް މިހާރު އެ ތަނަށް ނުގޮސް އޮންލައިންކޮށް ލިއުން ނެގޭނެ އިންތިޒާމް ވުޒާރާއިން މި ވަނީ ހަމަޖައްސަވާފައެވެ.
މި ލިޔުން އަދި ޑައުންލޯޑް ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ބިން ހަވާލުކުރިމުގެ ލިޔުން މިހާރު އޮންލައިންކޮށްhttps://t.co/UTgs6839dX pic.twitter.com/XH5dOtn58y
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 15, 2026
ހިޔާވަހި ޕޯޓަލް އިން ގޯތީގެ ލިޔުން ހޯދުމަށް، އެންމެ ފުރަތަމަ އީފާސް މެދުވެރިކޮށް އެ ޕޯޓަލްއަށް ލޮގިން ކުރައްވަން ޖެހޭނެއެވެ. އަދި ޕޯޓަލްގެ މަތީގައިވާ މެނޫއިން "ގޯތި ހަވާލުކުރުން"، އެ ބަޔައަށް ޒިޔާރަތްކުރެއްވުމުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލް ފެންނަން ހުންނާނެއެވެ. މި ފަރާތްތަކަށް "ގޯތި ހަވާލުކުރިކަމުގެ ލިޔުން" މިބައިން ލިޔުން ޑައުންލޯޑުކުރެވޭނެއެވެ.
ގޯތި ހަވާލުކުރިކަމުގެ މި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމަނާފައިވާނޭ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ ކޯޑު ސްކޭން ކުރުމުން، ނުވަތަ ލިންކަށް ޒިޔާރާތްކުރެއްވުމުން، ގޯތި އޮތްތަން މެޕުން ފެންނިގެންދާނެކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.