ޚަބަރު
މާލެ ސިޓީގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކޮށްފި
ބަންދުކުރި ތަން. ފޮޓޯ: ފުލުހުން
މާލެ ސިޓީގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރާއި ގުޅިގެން ބަންދުކޮށްފައިވަނީ، މ. ލޭންޑްއޮފްގާރޑްންގެ ބައެކެވެ.
އެތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް 3 މަހުގެ މުއްދަތަކަށެވެ. އަދި މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް، ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވިގެންދިޔަ 6 ވަނަ ތަނެވެ.
އަދި މީގެ ކުރިން މިއަހަރުގެ މެއި މަހުން ފެށިގެން 3 މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ 5 ތަނަކީ:
- ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
- މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
- މ. އަމީރާމަންޒިލް ގެ ބައެއް: 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް
- މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް
- ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް ހުއްދަނެތި ވަދެ އުޅުމަކީ ގާނޫނީ ކުށެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގަވާއިދާ ހިލާފަށް އެތަންތަނަށް ވަދެ، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މާލެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.