ޚަބަރު
ރާއްޖެއަށް ޕޭޕަލް ތަޢާރަފްކުރިތާ މަހެއްގެ ތެރޭގައި 3،800 އަށްވުރެ ގިނަ އެކައުންޓް ހުޅުވައިފި
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރި ހަފްލާގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ހިންގުމަށް ބޭނުންކުރާ ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކުރިތާ ކުރު މުއްދަތެއްގެ ތެރޭގައި، 3,800 އަށްވުރެ ގިނަ ފަރާތަކުން އެ ޚިދުމަތް ބޭނުންކުރަން ފަށާފައިވާކަމަށް އިކޮނޮމިކް މިނސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޕޭޕަލް މެދުވެރިކޮށް މިހާތަނަށް 3,800 އަށްވުރެ ގިނަ އެކައުންޓް އެކްޓިވޭޓްކޮށް، ފައިސާގެ މުޢާމަލާތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު އާ ހަރުފަތަކަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
"ޕޭޕަލްއަކީ މީގެކުރިން ރާއްޖެއަށް ނުގެނެވޭނެ އެއްޗެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބި ޚިދުމަތެއް. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ އެ ޚިދުމަތް ރާއްޖޭގައި ބޭނުންކުރަން ފަށައި، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބެމުންދާ މަންޒަރު،"
ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އީ-ވޮލެޓްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ވަޢުދުފުޅުގެ ދަށުން، މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކުރެވުނީ އުރީދޫ އެމް-ފައިސާ (m-Faisaa) އާއި ޕޭޕަލްއާ ދެމެދު ޤާއިމުކުރި ސީމްލަސް އިންޓަގްރޭޝަނެއްގެ ތެރެއިންނެވެ.
މީގެކުރިން ދިވެހި ފްރީލާންސަރުންނާއި، ކުދި ވިޔަފާރިތަކުން ރާއްޖެއިން ބޭރުން ފައިސާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޕޭޕަލްގެ ސަބަބުން ބައިނަލްއަޤްވާމީ ކަސްޓަމަރުންގެ އަތުން ސީދާ ޑޮލަރުން ފައިސާ ހޯދުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުގައި ހަރަކާތްތެރިވުމަށް ހުރި ހުރަސްތައް ނައްތާލައި، ފަސޭހަ މަގުތަކެއް ހޯދައިދިނުމެވެ.
އެމެރިކާގެ މަޝްހޫރު ޕޭމަންޓް ސިސްޓަމް ޕޭޕަލް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ޚިދުމަތް ފެށުމާއެކު، ދެކުނު އޭޝިއާ ސަރަޙައްދުގައި ޑިޖިޓަލް އިޤްތިޞާދުގެ ގޮތުން ފާހަގަކޮށްލެވޭ ޤައުމުތަކުގެ ސަފަށް ރާއްޖެ ވަނީ އަރާފައެވެ. މިއީ ރާއްޖޭގެ ޒުވާނުންނާއި ޑިޖިޓަލް މަސައްކަތްތެރިން ޒަމާނުއްސުރެ ކުރަމުން އައި އިންތިޒާރެއްގެ ފޮނި ނަތީޖާއެވެ.