ޚަބަރު
ކޮވިޑްގެ ދަތި ހާލަތުގައިވެސް އެމްޑީޕީން މީހުން ވަޒީފާއިން ވަކިކޮށް ބިކަކޮށްލި: ސައުދުﷲ
އެމްޕީ ސައުދުﷲ ހިލްމީ - ފޮޓޯ: ދައުރު
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކާތެރި ވަބާގެ ދަތި ދުވަސްވަރުގައި ވެސް، ނިމިދިޔަ އެމްޑީޕީ ސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އާއިލާތައް ބިކަކޮށްލާފައިވާ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ، 2018 އިން 2023 އަށް އޮތް އެމްޑީޕީގެ ވެރިކަމުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކޮށް މަގުމަތިކޮށްލާފައިވާ ކަމަށެވެ.
މީގެ މިސާލެއް ދައްކަވަމުން ސައުދުﷲ ފާހަގަކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ގދ. ތިނަދޫ ބްރާންޗުގައި މަސައްކަތްކުރި ދެ މުވައްޒަފަކު އެއްވެސް ކުށެއް ނެތި ވަޒީފާއިން ވަކިކުރި މައްސަލައެވެ.
"އެކަކު ވަކިކުރީ މިފަހަކުން ދުނިޔެ ދުށް އެންމެ ނުރައްކާތެރި އަދި އެންމެ ދަތި ދުވަސްވަރު، ކޮވިޑްތެރޭގައި. އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައި ބެހެއްޓުމަށްފަހު، އެ މުއްދަތު ހަމަވި ދުވަހު އޭނާއަށް ފޮނުވީ ވަޒީފާއިން ވަކިކުރި ކަމުގެ ސިޓީ. އެއްވެސް ތަހުގީގެއް، ސުވާލެއް ނުވަތަ މައުލޫމާތެއް ސާފުކުރުމެއް ނެތި އެކަން ކުރީ ވަރަށް އިހާނެތިކޮށް،"
ސައުދުﷲ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށާއި ހައިކޯޓަށް ހުށަހެޅުމުން، އެ މުވައްޒަފަށް އަލުން ވަޒީފާ ދިނުމަށް އެ ދެ ތަނުން ހުކުމް ކުރި ނަމަވެސް، އޭރުގެ ސަރުކާރުން އެ ހުކުމަށް އިޖާބަދީފައި ނުވާ ކަމަށެވެ. މިއީ އެމްޑީޕީން ގެންގުޅޭ އުސޫލެއް ކަމަށާއި، ވަޒީފާއިން މީހުން ވަކިކުރުމަކީ އެ ޕާޓީއަށް މާބޮޑު ކަމެއް ނޫން ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ދައުރުގައި ވަޒީފާތަކަށް މީހުން އައްޔަންކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށް ތުހުމަތު ކުރައްވަމުން ސައުދުﷲ ވިދާޅުވީ، 2018 އާ އަޅާބަލާއިރު ދައުރު ނިމުނުއިރު މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވަނީ ސިޔާސީ ބޭނުމަށް ވަޒީފާތައް ބެހުމުގެ ސަބަބުން ކަމަށެވެ. އަދި އިއުލާނު ކުރުމެއް ނެތި، އިންޓަވިއުއެއް ވެސް ނުބާއްވައި ގިނަ ބަޔަކަށް ވަޒީފާ ދީފައިވާތީ، އިންސާފާއި ގާނޫނުގެ ވާހަކަ ދެއްކުމުގެ ފުރުސަތެއް އެމްޑީޕީއަށް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ހީނަރުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ސައުދުﷲ ވިދާޅުވީ، ކަނޑުމަތީގައި އުޅުނު ހީވާގި މަސްވެރިން ގެނެސް ފެނަކަ ފަދަ ކުންފުނިތަކުގެ އޮފީސް ގޮނޑިތަކުގައި ބޭތިއްބުމުގެ ސަބަބުން އެ ސިނާއަތް ފުނޑިގެން ދިޔަ ކަމަށެވެ.
މެންބަރު ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު ވެސް، އެމްޑީޕީ ސަރުކާރުން އުސޫލުން ބޭރުން އައްޔަންކުރި މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް ބައިތިއްބާފައިވަނީ މި ސަރުކާރުގެ އޯގާތެރިކަމުންނެވެ. ނަމަވެސް، ދައުލަތުގެ ހުރިހާ އާމްދަނީއެއް ހަމައެކަނި މުސާރަ ދިނުމަށް ހޭދަކުރަން ޖެހުމަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް ކަމަށާއި، އެކަމާ މެދު ސަރުކާރުން ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.