ޚަބަރު
ލ. ގަމު ބަނދަރު ތަރައްގީކުރުމުގެެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
ލ.ގަމު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ
ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މިއީ އެ ރަށުގެ ދަތުރުފަތުރާއި އިގްތިސާދީ ކުރިއެރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށިލުމަށް ބޭނުންވާ ވެލިއެޅުމަށްފަހު، އެ ސަރަހައްދު އެއްވަރުކޮށް ބައްޓަންކުރުމުގެ ނުވަތަ ޕްރޮފައިލް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމުން ބަނދަރުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަޅު ފުންކުރުމާއި ކޮނުމުގެ މަސައްކަތުގެ އިތުރުން، ވެލި ބޭނުންކޮށްގެން ބޭރުތޮށި ހެދުމާއި، ރޮކް އާމަރ ބޭނުންކޮށްގެން ބޭރުތޮށިލުން ހިމެނެއެވެ. މީގެއިތުރުން ރޭމްޕް ހެދުމާއި، ކަލްވަޓް އެޅުމާއި، ކޮންކްރީޓް ޖެޓީއާއި އެއްގަމުތޮށިލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ބަނދަރުގެ އުމުރާނީ މަސައްކަތްތަކުގެ އިތުރުން، ބަނދަރު ބައްތި ހަރުކުރުމާއި ދުވާރު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މިއީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ އަދި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.
Project Update: Design and Build of L. Gan Harbor Upgrading
— MTCC Plc (@MTCCPlc) July 13, 2026
Sandfill breakwater profiling works are ongoing. Overall project progress is 80.33%.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/RciTi1m6Fo
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ. މި މަޝްރޫއުތަކުގެ މަގްސަދަކީ ރައްޔިތުންނަށް ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކޮށްދިނުމެވެ.
އެމްޓީސީސީން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، މަގު ހެދުން ފަދަ ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ގަމު ބަނދަރުގެ މަސައްކަތް ނިމުމުން އެ ސަރަހައްދުގެ ލޮޖިސްޓިކްސް އަދި ވިޔަފާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.