Ads by Farudhun

ޚަބަރު

ނަޝީދާ ދެކޮޅަށް ޝާހިދު ނިކުންނަވައި ކެމްޕޭން ފަށްޓަވައިފި

ނަޝީދާ ދެކޮޅަށް ޝާހިދު ނިކުންނަވައި ކެމްޕޭން ފަށްޓަވައިފި

ކުރީގެ ފޮރިން މިނިސްޓަރު އަބދުﷲ ޝާހިދު - ފޮޓޯ: އޯއާރުއެފް

farudhun logo

ފަރުދުން

15 ޖުލައި 2026، 04:59

15 ޖުލައި 2026، 04:59

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އެމްޑީޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފަށްޓަވައިފިއެވެ.

 މި ހަރަކާތާއެކު އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެ، ރައީސް މުޙައްމަދު ނަޝީދާއި ޝާހިދާ ދެމެދު ބޮޑު ސިޔާސީ ކުރިމަތިލުމަކަށް ދާނެކަމުގެ ނިޝާންތައް މިހާރު ވަނީ ފެންނަން ފަށާފައެވެ.

ކެމްޕޭންގެ މަސައްކަތްތައް ކުރިއަށް ގެންދަވާފަދަ ބީދައަކުން، ޝާހިދު ވަނީ ރޭގެ ވަގުތެއްގައި އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގެ ވީޑިއޯއެއް އެކްސްގައި ޕޯސްޓްކޮށް، ޝާހިދު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކުގެ ހަމައެކަނި ހައްލަކީ އެމްޑީޕީ ކަމަށެވެ. އަދި މާލޭގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް އުފެދި، ޕާޓީގެ ފަލްސަފާ މި ރާއްޖޭގައި ހިނގަން ފެށުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން (2021-2022) ކުރެއްވުމަކީ އޭނާގެ ސިޔާސީ ޙަޔާތުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިއީ ދިވެއްސަކު މި މަގާމު ފުރި ފުރަތަމަ ފަހަރެވެ. ނަމަވެސް، މި މަގާމު ފުރަމުން ދިޔައިރު ރާއްޖޭގެ ފޮރިން މިނިސްޓަރުކަން އޭނާ ކުރެއްވީ "ޕާޓް-ޓައިމް" ކޮށް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެމްޑީޕީގެ ފާއިތުވި ސަރުކާރުގައި އޭނާ މުޅިންވެސް އުޅުއްވީ ޔޫއެންގެ ކަންކަމުގައި ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝާހިދު ވަނީ މިހާރުވެސް ރާއްޖޭގެ 80 އަށްވުރެ ގިނަ ރަށުގައި އޭނާގެ ކެމްޕޭން ޓީމުތައް އެކުލަވާލައްވާފައެވެ. އަދި އައްޑޫ ސިޓީގެ މަޖިލީސް މެންބަރުން ކަމަށްވާ ނާޒިލް އާއި ދީދީގެ ތާއީދުވެސް އޭނާ ވަނީ ކަށަވަރު ކުރައްވާފައެވެ.

ނަމަވެސް، ޝާހިދުގެ މި ނިންމެވުމުގެ ސަބަބުން ރައީސް ނަޝީދާއި ޝާހިދާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ބޮޑެތި ބުރޫތަކެއް އަރާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ބޭނުންފުޅުވަނީ 2028 ވަނަ އަހަރުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ނެރުއްވުމަށެވެ. ނަޝީދުގެ ތާއީދު ފައްޔާޒަށް އޮތްއިރު، ޝާހިދު ވަކިން ކެމްޕޭން ފަށްޓަވައި ބާރުގަދަ ކުރައްވަމުން ގެންދެވުމަކީ ޕާޓީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި، ބޮޑު ކޯޅުމަކަށް މަގުފަހިވާނެ ކަމެކެވެ.

މި ދަނޑިވަޅުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ވަރުގަދަ ބާރެއްގެ ގޮތުގައި އެމްޑީޕީ އޮންނަންޖެހޭއިރު، ރިޔާސީ ޓިކެޓުގެ މައްސަލާގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީ އިތުރަށް ބަލިކަށިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ޝާހިދު މިހާރު ފަށްޓަވާފައިވާ ކެމްޕޭނަކީ ރައީސް ނަޝީދުގެ ސިޔާސީ ރޭވުންތަކަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450