ޚަބަރު
އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ތަކުރާރުކޮށް ވައްކަން ކުރަމުން ދިޔާ ޒުވާނާ -ފޮޓޯ: ފުލުހުން
އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަމުގެ މައްސަލަތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ޒުވާނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ދިން މައުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހު މަރަދޫ ގެއަކުން ގިނަ އަދަދެއްގެ މުދަލާއި ތަކެތި ވަގަށް ނެގި ކަމަށް ކުރެވޭ ތުހުމަތުގައެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ. އެ ފާސްކުރުމުގެ ތެރެއިން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއްވިއެވެ.
މި ޒުވާނާއަކީ މީގެ ކުރިން ވެސް ވައްކަމުގެ ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވިފައިވާ މީހެއްކަން ފާހަގަކުރެވެއެވެ. މިގޮތުން، މިހާރު ހައްޔަރުކުރެވުނު މައްސަލައިގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އިތުރު މައްސަލައެއް ގަން ޕޮލިސް ސްޓޭޝަނުން މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި އޭނާ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ބާވަތަށާއި އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލަށް ރިއާޔަތްކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވާފައެވެ.