ޚަބަރު
މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ފާތިމަތު އަމީޒާ - ފޮޓޯ: ކާފު
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސްވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބޮޑު ތާއީދަކާއެކު ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަގާމަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އަމީޒާއަށް ރުހުން ދިނުމަށް ފާސްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ގދ. ގައްދޫއަށް ނިސްބަތްވާ ފާތިމަތު އަމީޒާއަކީ މާލީ އަދި ޓެކްސްގެ ދާއިރާއިން ތަޖުރިބާ ހާސިލު ހާސިލުކުރައްވައިފައިވާ، ފުންނާބު އުސް ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަމީޒާ ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
މި މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، މީރާ ފަދަ މުހިންމު މުއައްސަސާއެއްގެ އިސްވެރިޔަކަށް ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު އައްޔަންކުރުމަކީ، މާލީ އިދާރާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ފަންނީ މީހުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ހެއްކެކެވެ.
މީރާގެ އެންމެ އިސް މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވުމަކީ، ރާއްޖޭގެ ނިންމުންތައް ނިންމާ މަތީ ފަންތީގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ރާއްޖޭގެ މާލީ އިދާރާތަކުގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެކެވެ.