ޚަބަރު
އެވަގްރީން ޝިޕިންގްގެ ޚިދުމަތް ރާއްޖެއަށް ރަސްމީކޮށް ތައާރަފުކޮށްފި
އެވާގްރީން ޝިޕިން ހިދުމަތް އިފްތިތާހު ކުރުން - ފޮޓޯ: ވިޝާހު ފަރުދުން މީޑިއާ
ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ މަޝްހޫރު ކޮންޓެއިނަރު ލައިން "އެވަގްރީން" ގެ ޚިދުމަތް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
މިކަން އިއުލާނުކުރުމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި، އެވަގްރީން ޝިޕިންގް އެޖެންސީ ލަންކާގެ ޕްރެޒިޑެންޓް ރިއޯ ޖެންގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ހުސެއިން ޝަފީގް ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެވަރގްރީން ލަންކާ ޕްރައިވެޓް ލިމިޓަޑްގެ ވައިސް ޕްރެޒިޑެންޓް އަނޫރާދާ ފެނާންޑޯ ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ވަނުމަށްޓަކައި އެންމެ އެކަށީގެންވާ ބައިވެރިއަކު ހޯދުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެ ގޮތުން އެމްއެސްއެސް އަކީ އެކަމަށް އެންމެ ގާބީލު އަދި ރަނގަޅު ބައިވެރިޔާ ކަމުގައި އަނޫރާދާ ވިދާޅުވިއެވެ. އަދި އެމް.އެސް.އެސް އާއެކު ފެށުނު މި ގުޅުމުގެ ސަބަބުން، އިތުބާރު ހުރި، އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިވެހި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމް.އެސް.އެސްގެ ފަރާތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ ކޮމާޝަލް އޮފިސަރު ތޯހާ މުހައްމަދު ވިދާޅުވީ، މިއީ ހަމައެކަނި އާ ޝިޕިންގް ސާވިސްއެއް ތައާރަފްކުރުން ނޫން ކަމަށާއި، މިއީ އިތުބާރާއި ގުޅިފައިވާ ވަރުގަދަ ޕާޓްނަޝިޕެއްގެ ފެށުން ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ ލައިން ކަމަށްވާ އެވަރގްރީން އިން ރާއްޖޭގެ މާކެޓަށް ދޭ އިތުބާރަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ތޯހާ އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި، ޓޫރިޒަމާއި އިގްތިސާދީ އެހެނިހެން ދާއިރާތައް ބާރުމިނެއްގައި ކުރިއަރަމުންދާއިރު، މިފަދަ ވަރުގަދަ ބައިނަލްއަގުވާމީ ގުޅުމެއްގެ ސަބަބުން މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކުން މުދާ ގެނައުމުގައި އާ ފުރުސަތުތަކެއް ހުޅުވި، ލޮޖިސްޓިކްސް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޝިޕިންގ ދާއިރާގައި ފާހަގަކޮށްލެވޭ އެވަގްރީން ލައިންގެ ޚިދުމަތް ރާއްޖެއަށް ފެށުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ބަނދަރުތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ގެންގުޅުއްވާ ސިޔާސަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.