Ads by Farudhun

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅުނު 12،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފި

ޤަވާއިދާ ޚިލާފަށް އުޅުނު 12،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފި

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ޖުލައި 2026، 09:51

16 ޖުލައި 2026، 09:51

12 ނޮވެމްބަރު 2023 އިން ފެށިގެން 13 ޖޫން 2026 ގެ ނިޔަލަށް، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 12،000 އަށް ވުރެ ގިނަ މީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލައިފައިވާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަނބުރާ ގައުމަށް ފޮނުވާލެވުނު ބިދޭސީންގެ ޖުމްލަ އަދަދަކީ 12،552 އެވެ. އޭގެ ތެރޭގައި ޑީޕޯޓްކޮށްލައިފައިވާ ފަރާތްތަކާއި، އެނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ ފަރާތްތައް ހިމެނޭއިރު، ޑީޕޯޓުކޮށްލެވުނު ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް  ކުރަމުންދާއިރު، "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާރު ވަނީ ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައެވެ. މި އޮޕަރޭޝަނަކީ،  ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކޮށް އެމީހުންގެ ފޮޓޯ އަދި އިނގިލީގެ ނިޝާން ބޭނުންކޮށްގެން އެ މީހާގެ ވަނަވަރު ދެނެގަނެވޭނޭ ގޮތް ހެދުމަށް ހިންގާ ހަރަކާތެކެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށްދާނެކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން، އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށްދާނީ 2،895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތްކަން ވުޒާރާއިން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި 196،024 ބިދޭސީން އުޅެމުންދެއެވެ. އަދި މަސައްކަތް ކުރާ އުމުރުފުރާގައި ދިވެހީންނަށްވުރެ ބިދޭސީން ގިނަކަން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށްއުޅޡޭ ބިދޭސީންގެ މައްސަލައާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ، އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450