ވިޔަފާރި / ޚަބަރު
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށް އަރައިފި
ވިޒިޓް މޯލްޑިވްސް އައިޓީބީގައި ސްވައިޕް އިފްތިތާޙުކުރުން ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓް "ސްވައިޕް" ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ، ބީއެމްއެލްގެ ޔޫތު އެންޓްރަޕްރިނިއަރސް ފޯރަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ސްވައިޕަކީ ދިވެހީން އުފައްދައި ތަރައްޤީ ކޮށްފައިވާ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ %100 ދިވެހި އުފެއްދުމެކެވެ. މިއަހަރުގެ މާރިޗު މަހު ރަސްމީކޮށް ލޯންޗްކުރި މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޑިޖިޓަލް އިކޮނޮމީގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިކޮނޮމީން ހިއްސާކުރުމެވެ. ސްވައިޕް މެދުވެރިކޮށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 3,300 އަށްވުރެ ގިނަ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މިއަދު 20 ހާހަށްވުރެ ގިނަ ދިވެހިން ސްވައިޕް ބޭނުންކުރާއިރު އެއްވެސް އިތުރު ފީއަކާ ނުލައި ބޭރުގައުމުތަކުން ފައިސާ ފޮނުވުމާއި ރާއްޖޭގައި ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ސްވައިޕް މެދުވެރިކޮށް މިހާރު ވަނީ ތައާރަފުކޮށްފަ،
ޝަރީފް
މީގެ އިތުރުން، ބީއެމްއެލްއިން ވަނީ ސްވައިޕް މެދުވެރިކޮށް ޔޫއެސް ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މީގެ ސަބަބުން ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސަރުންނަށް ބޭރު ގައުމުތަކުން ފޮނުވާ ފައިސާ، އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއް ފަދައިން ވަގުތުން ސްވައިޕް ވޮލެޓަށް ލިބިގެންދާނެއެވެ.
ބޭންކުން ބުނި ގޮތުގައި، ރާއްޖޭން ބޭރުގެ ފަރާތްތަކަށްވެސް އީ-ކޭވައިސީ ފުރިހަމަކުރުމަށްފަހު މި ވޮލެޓުގައި ރަޖިސްޓްރީވެވޭނެއެވެ. އަދި އަލިޕޭ، ވީޗެޓް ޕޭ، މާސްޓަރކާޑު އަދި ވީސާ ފަދަ ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން، ފިޒިކަލް ކާޑަކާ ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު މިއަހަރުގެ ފަހުކޮޅު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިއީ ބައިނަލްއަގުވާމީ ކްލައިންޓުންނާއެކު މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ސިފަކުރެއެވެ.